ބޯޓުފަހަރުން ނަގާ ފީ ޑޮލަރުން ނުނެގުމަށް އެމްޓީއޭއިން ގޮވާލައިފި

އެމްޕީއެލް ސަރަހައްދުން މުދާ ދޯންޏަކަށް ބަރުކުރަނީ: ބޯޓުފަހަރުން ނަގާފީ ޑޮލަރުން ނުނެގުމަށް އެމްޓީއޭއިން ގޮވާލައިފި -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

އަންނަ މަހުން ފެށިގެން ބޯޓުފަހަރުތަކުން ނަގާ ފީ ޑޮލަރުން ނެގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ނިންމާފައިވާތީ، އެ ނިންމުން ބަދަލުކުރުމަށް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ)އިން މިއަދު ގޮވާލައިފިއެވެ.

މިއަދު އެމްޓީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާއެކު، މުދާ އެތެރެކުރާ ފަރާތްތަކަކީ ޑޮލަރުން ކުރަން ޖެހޭ ޚަރަދުތަކަށް, ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހޭ ފަރާތްތަކެއް ކަމަށެވެ.

މިހާތަނަށް މުދާ އެތެރެކުރާ ފަރާތްތަކުން ދިވެހި ފައިސާއިން ދައްކަމުން އައި ފީތައް ޑޮލަރުން ދައްކަން ޖެހުމުން، ވިޔަފާރިވެރިންނަށް ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވާ ކަމަށް އެމްޓީއޭއިން ބުނެއެވެ.

"އޭގެ އެއް ސަބަބަކީ ރާއްޖޭގެ ބެންކުތަކުން ވިޔަފާރިވެރިންނަށްވެސް ބޭނުންވާ ވަރަށް ޑޮލަރު ގަންނަން ލިބެން ނެތުމެވެ." އެ ބަޔާނުގައިވެއެވެ.

އިތުރަށް އެމްޓީއޭއިން ބުނީ އެކަމުގެ ސަބަބުން ވިޔަފާރިވެރިން ބޮޑު އަގު ދީގެން ޑޮލަރު ދީގެން ކުރާ ހޭދައިގެ ނިސްބަތުން މުދަލުގެ އަގު އުފުލޭނެ ކަމަށެވެ.

އިގްތިސާދީ ގޮތުންނާއި ޚާއްޞަކޮށް ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ދުވަސްވަރެއްގައި ބޯޓުފަހަރަތަކުން ނަގާފީ ޑޮލަރުން ނެގުމަކީ ރަނގަޅު ބަދަލެއް ނޫން ކަމަށް ދެކޭ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

މީގެއިތުރުން، ސަރުކާރުގެ ހުރިހާ އެސްއޯއީތަކުން ދިވެހި ވިޔަފާރިވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފީ ދިވެހި ރުފިޔާއިން ދެއްކުމުގެ އިންތިޒާމް ހަމަޖެހުމަކީ ވިޔަފާރިވެރިންނަށް ފަސޭހަކަން ލިބި މުދަލުގެ އަގު އުފުލުނަ ނުދީ ހިފެހެއްޓޭނެ އުސޫލެއް ކަމަށް އެމްޓީއޭއިން ބުނެއެވެ. އެހެންވެ އެ އުސޫލު ދެމެހެއްޓުމަށް އެމްޓީއޭއިން ވަނީ ގޮވައިލައިފައެވެ.

comment ކޮމެންޓް