ދިވެހީންގެ މެދުގައި ތ. ކަނޑޫދޫ މިރުސް މިހާ މަޝްހޫރުވިތާ އަދި މާ ގިނަ އަހަރުތަކެއް ނުވި ނަމަވެސް، މިހާރު އުމުރުން 32 އަހަރުގެ މުޙައްމަދު އާރިފުގެ ޅަދުވަހުގެ ހަނދާންތައް ވެސް ގުޅިފައިވަނީ އެ މަސައްކަތާއެވެ. ކަނޑޫދޫގައި އޭރު ވެސް އޭނާގެ ބައްޕަ އަލީ ރަޝީދު މިރުސް ހައްދައެވެ. ނަމަވެސް ކުޑައިރު އެއީ އާރިފްގެ މާ ބޮޑު ޝައުގުވެރިކަމެއް ހުރި މަސައްކަތެއް ނޫނެވެ. ނަމަވެސް މިއަދު އޭނާއަކީ ދަތުރުވެރިންގެ މާރުކޭޓުގައި ނުފޫޒުގަދަ ސޭޓެކެވެ.
ދިވެހީންގެ މެދުގައި ކަނޑޫދޫ މިރުސް މަޝްހޫރު ވާން ފެށީ އެ ރަހަ މާލޭގެ ބާޒާރުން ދެގޮތެއްނުވެ ލިބޭތާ އަހަރުތަކެއްވުމުންނެވެ. ރަހައަށް ހޭނި، ދިވެހީންނަށް އެއާނުލައި ނޫޅެވޭ އެއްޗަކަށް އެ މިރުސް ވެގެންދިޔައީއެވެ. އޭރު އާރިފް އުޅެނީ ތައުލީމު ހާސިލުކުރަން މާލޭގައެވެ. އަހުމަދިއްޔާ ސްކޫލުން 2009 ވަނަ އަހަރު އޯލަވެލް ހެދުމަށް ފަހު 2012ގައި ސީއެޗްއެސްސީން އޭލަވަލް ހަދަމުން ދިޔައިރު އޭނާ މާލެއަށް ފަރިތަވެއްޖެއެވެ.
އޭގެ ނަތީޖާއަކަށްވީ ބައްޕަ ރަށުގައި ހައްދައިގެން މާލެ ފޮނުވާ މިރުސް ވިއްކަން ވިޔަފާރިވެރިންނާ ހަވާލުކުރަން ޖެހުމެވެ. އެއީ، މަޑުމަޑުން އެ ވިޔަފާރީގެ ތެރެއަށް ވަދެވެން ފެށި ހިސާބެވެ. އޭރު އެ މިރުސް ކިލޯއެއްގެ އަގު އުޅެނީ 100 ރުފިޔާއާއި 130 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ދުވަސްވާ ވަރަކަށް ކަނޑޫދޫ މިރުހުގެ އަގު އަރަން ފެށިއެވެ. މިހާރު ހާހުން މައްޗަށް އަގު އަރާ ފަހަރު އާދެއެވެ. އެއާއެކު މި ވިޔަފާރީގައި ހުރި ފައިދާ އާރިފަށް ފެނުނެވެ. އެކަން ކުރަންވީ ގޮތް ދަސްވިއެވެ.
އޭލެވެލް ނިންމާލުމަށް ފަހު އާރިފް ވަޒީފާއަށް ފުރަތަމަ ނުކުތީ އިސްލާމިކް މިނިސްޓްރީއަށެވެ. އެއަށްފަހު ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށެވެ. ހުސް ވަގުތު ބައްޕައަށް މިރުސް ވިއްކައި ދިނުމެވެ. އެހެން އުޅެނިކޮށް 2019 ވަނަ އަހަރު މުޅި ދުނިޔެއަށް ކޮވިޑްގެ އާލަމީ ވަބާ ކުރިމަތިވީއެވެ. މީހުން ގޭގޭގައި ބަންދުވެ ވިޔަފާރިތައް ހުއްޓިއްޖެއެވެ. ދެން މަޝްހޫރު ވާން ފެށީ އޮންލައިން ވިޔަފާރިތަކެވެ. އާރިފް ވެސް ބޭނުންވީ އެ ފުރުސަތުގެ ބޭނުން ހިފާށެވެ. އެހެންވެ، ފޭސްބުކުގައި "ދިވެހި ފާމް"ގެ ނަމުގައި ޕޭޖެއް ހަދައިގެން ރަސްމީކޮށް ވިޔަފާރި ފެށިއެވެ. ދިވެހި ދަނޑުވެރިކަމުގެ ބާވަތްތައް މާލޭގެ ގެތަކަށް ޑެލިވަރީ ކުރުމެވެ.
އެއާއެކު މި ވިޔަފާރިގެ އަސްލު ފައިދާ އާރިފަށް ފެނުނެވެ. އެހެންވެ، އޭނާ ގަސްތުކުރީ ސިވިލް ސާވިސް ވަޒީފާ ދޫކޮށް މި ވިޔަފާރިއަށް ހުސްވާށެވެ.
"ޑިގްރީ ނަގައިގެން މާސްޓާސް ނަގައިގެން މި ހުރީ. ވަޒީފާއަކުން ނުލިބޭ އެކަށޭނަ އެއްޗެއް. އޮފީހުގައި އުޅޭއިރު ބަންދުވެފައި ހުންނަން ޖެހެނީ. މިހާރު މާ މިނިވަން. އަނެއްކާ މާ ބޮޑު އާމްދަނީއެއް ލިބޭ،" މިދިޔަ ރޯދަ މަހު ސަރުކާރު ވަޒީފާއިން ވަކިވި އާރިފް ބުންޏެވެ.
ވަޒީފާއިން ވަކިވެ އަމިއްލަ ވިޔަފާރި އެކަނި ކުރާތާ އަހަރެއްހާ ދުވަސް ވެފައިވާއިރު އާރިފް ބުނީ މި ދިރިއުޅުން މާ އަރާމު ކަމަށެވެ. އޭސީ ކޮޓަރީގައި އިނދެ، ލެޕްޓޮޕުން މަސައްކަތް ކުރުމަށް ވުރެ، ބޯޓްތައް ދޮށަށް ގޮސް ފޮށި އުފުއްލައި ހެދުން ވެސް އޭނާއަށް މާ އަރާމެވެ. އެއީ، މިހާރު އޮންނަ މިނިވަންކަމާއި ލިބޭ އާމްދަނީ ބޮޑުވުމުންނެވެ.
"ޓައީއެއް އަޅައިގެން ގޮނޑީގައި އިނުމަށްވުރެ މި ގޮތް އަހަރެންނަށް މާ ރަނގަޅު،"
އާރިފް ޑިގުރީ ނެގީ ހިއުމަން ރިސޯސް ދާއިރާއިންނެވެ. ދެން އެއަށް ފަހު 2019 ވަނަ އަހަރު ހެދީ މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ)އެވެ. އޭރު މުސާރައަށް ލިބެނީ މަހަކު 14000 ރުފިޔާއެވެ. މިހާރު އޭގެ އެތައް ގުނައެއް އިތުރަށް އާމްދަނީ ލިބެއެވެ. އެކަމަކު ވާން ޖެހޭ ގުރުބާނީ ވެސް ބޮޑެވެ.
ރަސްމީ ވަޒީފާއާއި އަމިއްލަ ވިޔަފާރީގެ އެންމެ ބޮޑު ތަފާތަކީ ދޭންޖެހޭ ސަމާލުކަމެވެ. މިހާރު އޮފް ދުވަހެއް ނާދެއެވެ. ސަލާމެއް ވެސް ނުބުނެވޭނެއެވެ. ފައިސާ ގިނައިން ހޯދަން ބޭނުންނަމަ ހަމަ ޖެހޭނީ ގިނައިން މަސައްކަތް ކުރާށެވެ. އަދި، އަމިއްލަ މީހާ ކުރާހާ ފަރުވާތެރިކޮށް މުވައްޒަފުން ނުކުރާނެކަން ދަންނަން ޖެހެއެވެ.
މިހާރު ހަމަ ސޭޓެއް
ދަނޑު ހައްދާތާ ޒަމާންތަކެއް ފަހުން އޭނާގެ ބައްޕަ މިހާރު ހުރީ އެ މަސައްކަތުން ރިޓަޔާކޮށްފައެވެ. ބައްޕަގެ އެ މަސައްކަތާ ހަވާލުވީ އާރިފެވެ. އޭނާ އަންނަނީ މިރުސް ދެ ދަނޑު ރަށުގައި ހިންގަމުންނެވެ. އޭގެ އިތުރުން މިހާރު ޒުވާނުން ގިނަ އަދަދަކަށް ދަނޑުވެރިކަން ކުރާ ކަނޑޫދޫގެ ގިނަ ދަނޑުވެރިންގެ މާލޭ އެޖެންޓަކީ އާރިފެވެ. އެ ދަނޑުވެރިން ފޮނުވާ ތަކެއްޗާއި މާލެކޮޅުން ހަވާލުވެ، ވިއްކައި ދެނީ އޭނާއެވެ.
ކަނޑޫދޫގެ އިތުރުން ރާއްޖޭގެ ދަނޑުވެރި އެހެން ރަށްރަށުން ވެސް ވިއްކުމަށް މާލެ ގެންނަ ތަކެތި ގަނޑުކޮށް ގަނެ، ގޮޅީގައި ބަހައްޓައިގެން ވިއްކުމާއި އަތޮޅުތެރޭ ބޯޓްފަހަރާއި ލޯންޗު ފަހަރަށް އެ ތަކެތި ސަޕްލައިކޮށްގެން ނަފާ ހޯދުމަކީ އާރިފް ކޮންމެ ދުވަހަކުހެން ކުރާ މަސައްކަތެވެ. ބައެއް ދުވަސް ދުވަހުން ޓަނުން ތަކެތި ވިއްކަން ލިބެއެވެ. އޭނާ އެކަން ކުރަނީ ދެ މުވައްޒަފުން ވެސް ނަގައިގެންނެވެ.
"މުޅިން ވެސް މި ވިއްކަނީ ރާއްޖޭގައި ހައްދާ ތަކެތި. ބޭރުން އެތެރެ ކުރާ އެއްވެސް އެއްޗެއް ނުވިއްކަން. ރާއްޖޭގައި ހައްދާ ހުރިހާ އެއްޗެއް ވެސް ވިއްކަން. ބޭރު އެއްޗެހި ވިއްކީމަ ފައިދާ ބޮޑުވާނެ. އެކަމަކު އަސްލު ރާއްޖޭގައި ހައްދާ އެއްޗެހި ކޮލެޓީ ވާނީ،" އާރިފް ކިޔައިދިނެވެ.
"އެންމެ ގިނައިން މި ވިއްކަނީ މިރުސް. މިރުހުގެ އިތުރުން ބަޓާނާ، ބަރަބޯ، ބަށި، ކަހަލަ އެކި އެއްޗެހި ވިއްކަން،"
ގޮންޖެހުމަކީ ބިދޭސީންގެ އުނދަގޫ
ވަކި ސިނާއަތެއް ނޫނެވެ. ރާއްޖޭގައި ރަނގަޅު އާމްދަނީއެއް ލިބޭ ގިނަ ދާއިރާތަކުގައި ރަސްކަން ކުރަނީ ބިދޭސީންނެވެ. ދަނޑުވެރިކަން ވެސް އެފަދައެވެ. އާރިފްގެ ތަޖުރިބާއަކީ ވެސް އަދި މި ވިޔަފާރީގައި ކުރިއަށް ދާން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް އެއީއެވެ. ރާއްޖޭގެ ދަނޑުވެރިކަމުގެ ވިޔަފާރި ބަންގްލަދޭޝް މީހުންގެ ނުފޫޒު ގަދަކަމެވެ.
ފަތިސް ނަމާދުކޮށްގެންނާ އެކު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އާރިފް ވެސް އަވަހަށް ދަނީ ބަނދަރަށެވެ. ދަނޑުވެރިކަމުގެ ބާވަތްތައް ހިފައިގެން އަތޮޅުތެރެއިން އަންނަ ދޯނި ފަހަރުން މުދާ ގަތުމުގެ ބޭނުމުގައެވެ. ނަމަވެސް ދިވެއްސަކަށް ވީމާ މި ދިވެހި ރާއްޖޭގައި އޭނާ ވެސް ގިނަ ދުވަސް ދުވަހު ޖެހެނީ ބާކީވެ ހުންނާށެވެ.
"ރަށްރަށުގައި މިހާރު ދަނޑު ހައްދަނީ ގިނައިން ބިދޭސީން. މި ބުނީ މަސައްކަތު މީހުންނަށް އުޅޭ ވާހަކައެއް ނޫން. ދަނޑުތަކުގެ ވެރިންނަށް އުޅެނީ ބިދޭސީން. ވިއްކަން މާލެ ގެންނައިރު ވެސް ބިދޭސީއަކަށް ނޫނީ އެއްޗެއްސެއް ނުލިބޭނެ. އެ މީހުން ހައްދަނީ ވެސް. އެ މީހުން ވިއްކަނީ ވެސް. ބަންގްލަދޭސް މީހަކު ނޫން މީހަކު ލާހިކެއް ނޫން އެއްޗެއް ހޯދާކަށް،" އާރިފް ބުންޏެވެ.
"އަހަރެމެން ވެސް އެއްޗެހި މި ހޯދަނީ ބަންގްލަދޭސް މީހުން ކައިރި ބުނެގެން. އެ ނޫން ގޮތަކަށް ނުލިބޭ،"
އާރިފް ބުނި ގޮތުގައި ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތުން ދިވެހީންނަށް ލިބެނީ ވަރަށް ކުޑަ މަންފާއެކެވެ. ބޮޑު ބައި ކޮންޓްރޯލްކުރާ ބަންގުލަދޭސް މީހުންގެ އަތުން ސިނާއަތް ސަލާމަތްކުރަން ކޮންމެހެން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.
މޮޅަށް ކިޔަވައި މަތީ ފާސްތައް އޭނާ ވެސް ހާސިލް ކުރީ ފިނި ކޮޓަރީގައި އިނދެ ދިރިއުޅުން ބިނާ ކުރުމަށެވެ. ނަމަވެސް އެ ދިރިއުޅުން އޭނާއަށް މާ ކަމުދާ ކަމަކަށް ނުވިއެވެ. ބައްޕަ ކުރަމުންދިޔަ މިރުހުގެ ވިޔަފާރީގެ ނަފާ މާ ބޮޑަށް އޭނާއަށް ފެނުނެވެ. މިއަދު އޭނާގެ ހަޔާތް މިރުހުން ޖަރީކޮށްފައި އެ ވަނީ މާސްޓާސް ނަގައިގެން ގޮޅީގައި އިނދެގެންނެވެ.