ބަދިގެއަށް ވަދެ މިއަދު ރޯދަ ވީއްލާ ގަޑިއާއި ތަރާވީސް ދަމަށް އަދި ހާރު ކެއުމަށް ތައްޔާރުކޮށްލާނެ ކެއުމަކާ މެދު ވިސްނާލަން ކިހާ ވަގުތެއް ދޭ ހެއްޔެވެ؟ ކެއުން ތައްޔާރުކުރުމުގެ ކުރިން އެ ކެއުންތައް އުފައްދަން ބޭނުންވާނެ ސާމާނު ގަންނަން ފިހާރަތަކުގައި ކިހާ ވަގުތެއް ހޭދަކުރެވޭ ހެއްޔެވެ؟
މި ހުރިހާ ސުވާލުތަކަށް ވެސް ވަރަށް ފަސޭހަ ޖަވާބެއް އެބައޮތެވެ. ޒަމާނަށް އަންނަ ބަދަލުތަކާ އެކު ޓެކްނޮލޮޖީގެ ވަސީލަތް ބޭނުންކޮށްގެން 30 ދުވަހުގެ އަމިއްލަ މެނޫއަކާ އެކު މީލް ޕްލޭނެއް ތައްޔާރުކުރެވެން މިއަދު އެބައޮތެވެ.
ތަފާތު އެކި ވައްތަރުގެ މީލް ޕްލޭން ޑިޒައިންތައް އިންޓަނެޓުގެ ޒަރީއާއިންނާ އެކި ކަހަލަ އެޕްލިކޭޝަން މެދުވެރިކޮށް ތައްޔާރުކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ. ބޭނުން ވަނީ އެކަމަށް ފުރިހަމައަށް ތައްޔާރުވުމަށް ވަގުތުކޮޅެކެވެ. މީލް ޕްލޭން އަދި މެނޫ ޕްލޭން ތައްޔާރުކުރަން އެކަނި ބޭނުންނުވާނަމަ އާއިލާގެ މެންބަރުންގެ ބައިވެރިވުމާ އިރުޝާދާ އެކު ވެސް އެކަން ކުރެވިދާނެއެވެ. ނޫންނަމަ އަމިއްލަ ދަރިފުޅު ބައިވެރިކޮށްގެން އުފާވެރި މާހައުލެއްގައި ވެސް މިކަން ކުރެވިދާނެއެވެ. މުޅި ރަމަޟާން މަހަށް މީލް ނުވަތަ މެނޫ ޕްލޭންކޮށްލަން ދަތިވާނަމަ ތިން ބަޔަށް ބަހާލައިގެން ނުވަތަ ހަފުތާއަކަށް ބަހާލައިގެން ވެސް އެކަން ކުރެވިދާނެއެވެ.
ދެން އުފެދޭ ސުވާލަކީ މީލް ޕްލޭން ކޮށްލުމުން ތިމާގެ ދުވަހުގެ ތާވަލަށް ލިބިގެންދާނެ ލުއި ފަސޭހަކަމަށެވެ.
މީލް ޕްލޭން ކުރުމުގައި ދެ ގޮތެއް ބޭނުން ކުރެވިދާނެއެވެ. އެއްގޮތަކީ ބައެއް ކެއުންތައް ކުރިން ތައްޔާރުކޮށް ސިއްހަތަށް ގެއްލުން ނުވާގޮތަށް ރައްކާކުރުން ނުވަތަ ހަފުތާގެ ދުވަސްތަކުގައި ތައްޔާރުކުރާނެ ކެއުންތަކުގެ ހާއްސަ މެނޫއެއް ތައްޔާރުކޮށް ގަންނަން ޖެހޭ ސާމާނުތައް ކުރިން ގަނެ އެ ކަމަށް ތައްޔާރުވުމެވެ.
މިއިން ކޮންމެ ގޮތެއް ޚިޔާރުކުރި ނަމަވެސް ޖީބަށް ލުއިވެފައި ސިއްހަތަށް ފައިދާ ހުރި ކެއުން ތައްޔާރުކުރުމުގައި ލުއި ފަސޭހަވެ، ވަގުތު ސަލާމަތް ކުރުމަށް މަގުފަހިވެގެންދާނެއެވެ. ހަމައެއާއެކު އިސްރާފުކުރުމުގެ އާދަ ނެތި އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރުމުގެ ފުރުސަތު މަގުފަހިވެގެންދާނެއެވެ.
ޖުމްލަ ގޮތެއްގައި ރަމަޟާން މަހަށް ހާއްސަ މެނޫއަކާ އެކު މީލް ޕްލޭންއެއް ތައްޔާރުކުރުމަކީ ނިއުޓްރިޝަނަލް، ސަޤާފީ، ރޫހާނީ އަދި އިޖުތިމާއީ މިންގަނޑުތައް ހިމަނައިގެން ގިނަ ފައިދާތަކެއް ލިބި ރޯދަ މަހުގެ ދުވަސްތައް ލުއި ފަސޭހަކަމާ އެކު ތަޖުރިބާކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތެކެވެ.