ހައްޖާއި އުމްރާވެރިން ރާއްޖެ ގެންނަން ބޭނުންވާ ތަކެތި ސަޢޫދީ އަރަބިއްޔާގެ ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނައުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މިއަދު ލޯކަލް ގަވަމެންޓް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަފީގް ވިދާޅުވީ މި ކަމާ ގުޅިގެން އިއްޔެ ވަނީ ސަޢޫދީ ޕޯސްޓާ މޯލްޑިވްސް ޕޯސްޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައި ކަމަށެވެ.
އަދި، އެ އެއްބަސްވުން ތަންފީޒުކުރުމަށް ޓަކައި ދެ ފަރާތުން ވާންޖެހޭ ހުރިހާ ތައްޔާރީތައް މިހާރު ވަމުންދާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ހައްޖާއި އުމްރާވެރިންނަށް ދާގީނާއެއްގެ ޖުމްލަ ބަރުދަން 30 ކިލޯއަށްވުރެ ބަރުނުވާނޭ ގޮތެއްގެ މަތިން ޕޯސްޓު ކުރުމުގެ ޚިދުމަތް ލިބިގެންދާނެ ގޮތަށް ވަނީ ހަމަޖެހެފައެވެ.
ޝަފީގް ވިދާޅުވި ގޮތުގައި މި ޕެކޭޖްތަކުގެ އަގުތަކަކީ ވެސް އެއާލައިންތަކުން ދޭ ކޮމާޝަލް އަގުތަކަށްވުރެ ހެޔޮ އަގުތަކެކެވެ.
"ހައްޖާއި އުމުރާއަށްދާ ކޮންމެ ބޭފުޅަކަށް ވެސް ގެންދޭވޭނީ 30 ކިލޯގެ މުދާ. އަދި މި ޕެކޭޖްތަކުގެ އަގުތަކަކީ ވެސް އެއާލައިންތަކުން ދޭ ކޮމާޝަލް އަގުތަކަށްވުރެ އެތައް ގުނައެއް ހެޔޮ އަގުތައް," ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން މި ޚިދުމަތް ފޯރުކޮށްދިނުމަށް ޓަކައި ގާއިމްކުރެވޭ ޕޯސްޓަލް އައުޓްލެޓްތަކުގެ މައްކާ އަދި މަދީނާގެ ލޮކޭޝަންތަކާއ،ި ޚިދުމަތް ހޯދުމުގައި އަމަލުކުރަންޖެހޭ ގޮތުގެ މައުލޫމާތު ހައްޖު ކޯޕަރޭޝަނާއި ވަރަށް އަވަހަށް ހިއްސާކުރެވޭނެކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ހައްޖުވެރިން ރާއްޖެ ގެންނަން ބޭނުންވާ ތަކެތި ގެނައުމަށް ވަނީ ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހެއެވެ.