މާލޭ ގޮނޑުވާއިރު ފިޔަވަޅެއް ނާޅާ ކަމަށް ބުނެ ޑިމޮކްރެޓްސްއިން ކަންބޮޑުވެއްޖެ

ރޯދަ މަހަށް ސާފުކުރުމަށް ފަހު ގޭގެއިން ނެރެފައި ހުރި ކުނި މަގުމައްޗަށް ޖަމާކޮށްފައި -- ސަން ފޮޓޯ

މާލެ ސިޓީގެ ކުނި މެނޭޖްކުރުން އިންތިހާއަށް ބޮއްސުންލައި، އާންމު ހުސް ޖާގަތަކުގެ ނުތާހިރުކަން އިންތިހާއަށް ބޮޑުވެފައިވާތީ ދަ ޑިމޮކްރެޓްސްއިން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރޯދައަށް ގެތައް ސާފުކުރުމަށް ފަހު އުކައިލަން ނެރެފައިވާ ކުނިން މާލޭގެ މަގުތައް ވަނީ ތަގައްޔަރުވެފައެވެ.

ޑިމޮކްރެޓްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބަރަކާތްތެރި ރޯދަމަހާއި ދިމާކޮށް ސިޓީތެރެ ތާހިރުކޮށް, ހަންމަތަ ކުރުމުގެ އެއްވެސް މަސައްކަތެއް ކަމާބެހޭ އެއްވެސް އިދާރާއަކުން ހިންގާފައިނުވާ ކަމީ ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ.

އަދި، ފެހިކަމާއި ތާހިރުކަމުގެ ޝިއާރުގައި މާލޭގެ މޭޔަރު ކަމަށް ނުކުންނަވާ އިންތިޚާބުވެވަޑައިގެންނެވި މޭޔަރު މާލެ ތާހިރުކުރަން ޕްލޭންކުރައްވާ ގޮތެއް، އަޅުއްވަން ގަސްތުކުރައްވާ ފިޔަވަޅެއް، ހިންގަވާ މަސައްކަތެއްގެ ހިލަމެއް ވެސް ނުވާކަން ޑިމޮކްރެޓްސްއިން ވަނީ ފާހަގަކޮށްފައެވެ.

ޑިމޮކްރެޓްސްއިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

އެހެންވެ، އެ ޕާޓީން ވަނީ މާލެ ކުނިގޮނޑަކަށް ބަދަލުވަމުންދާއިރު، މާލޭގެ މޭޔަރު އާދަމް އާޒިމާއި، ސިޓީ ކައުންސިލުން އަތްއުރާލައިގެން ނުތިބެ، އާންމު ސިއްހަތާއި ސަލާމަތަށް އެކަށޭނަ ގޮތެއްގައި މި ސިޓީ ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ގޮވާލައިފައެވެ. އަދި، ދެމެހެއްޓެނިވި އިންތިޒާމެއްގެ ދަށުން މާލޭގެ ސާފުތާހިރުކަން ކަށަވަރު ކުރުމަށް ވެސް ވަނީ ގޮވާލައިފައެވެ.

ރޯދައަށް ގެތައް ސާފުކުރުމަށް ފަހު ގޭގެއިން ނެރެފައި ހުރި ކުނިން މާލޭގެ މަގުތައް ވަނީ ކުނިކޮށްފައެވެ.

މާލޭގެ އެންމެ ކާރޫބާރޫބޮޑު މަގުތަކުގައި ވެސް ކުނި އެއްކޮށް ޖަމާކޮށްފައި ހުންނަ މައްސަލަ ވަނީ ބޮޑުވެފައެވެ. ކުނި ގިނަވެ، އާންމުން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް