ބާޒާރުގައި ކަރާ ތިޔާގިވެއްޖެ، ކިލޯއެއް 20 ރުފިޔާއަށް

ރޯދަ މަހަށް މާލޭގެ ބާޒާރުމަތި ހަލަބޮލިވުން -- ސަން ފައިލް ފޮޓޯ

ރޯދަ މަހު ދިވެހީންގެ މެދުގައި އެންމެ މަގުބޫލު އެއް ބާވަތްކަމުގައިވާ ކަރާ، މާލޭގެ ބާޒާރުގައި ވަރަށް ތިޔާގިވެއްޖެއެވެ.

ކަލަންޑަރު ބުނާގޮތުން މާދަމާ ރޯދަ މަސް ފެށޭއިރު، ދަތުރުވެރިންގެ މާރުކޭޓުގައި މިހާރު ކަރާ ކިލޯއެއް ވިއްކަމުން އަންނަނީ އާއްމުކޮށް 20 ރުފިޔާއަށެވެ.

ގިނަ ގޮޅިތަކެއްގައި ކަރާ ވިއްކަން ހުރިއިރު ވިޔަފާރިވެރިން ބުނާގޮތުގައި މިހާރު އެންމެ ގިނައިން ލިބެން ހުރީ ކަރާ ހެއްދުމުގައި އެންމެ މަޝްހޫރު އއ. ތޮއްޑޫ އާއި ތ. ކަނޑޫދޫއިން ގެނެސްފައިވާ ކަރައެވެ.

"މިއަދު ވެސް ތޮއްޑޫއިން ވަރަށް ކަރާ ގެނައި. މާދަމާ އަދި މާ ގިނައިން އަންނާނެ. ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް ދެން ކަރާ ފުދޭ ވަރަކަށް ބާޒާރަށް ނެރޭނެ." މާރުކޭޓް ގޮޅިއެއް ހިންގާ ވިޔަފާރިވެރިޔަކު ބުންޏެވެ.

ތޮއްޑޫ ކަރާ މާލެ ގެނައުމަށް ގޯނިތަކަށް އަޅާފައި --- ސަން ފޮޓޯ: ސަން ފައިލް ފޮޓޯ

ވިޔަފާރިވެރިން ބުނާގޮތުގައި މި ރޯދަ މަހު ކަރަލުގެ އަގު މާ ބޮޑުވެގެން ދާނެ ކަމަކަށް ނުބެލެވެއެވެ.

މިދިޔަ އަހަރުގެ ރޯދަ މަސް ފެށުނުއިރު ބާޒާރުގައި ކަރާ ކިލޯއެއް އެވްރެޖްކޮށް ވިއްކަމުން ދިޔައީ 25 ރުފިޔާއަށެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމް މިދިޔަ ހަފުތާގައި "ސަން"އަށް ވިދާޅުވީ މޫސުން ރަނގަޅު ދުވަސް ވަރަކަށްވާތީ އެހެން އަހަރުތަކޭ އެއްފަދައިން މި އަހަރު ވެސް ގިނަ އަދަދަކަށް ކަރާ ބާޒާރަށް ނެރެވޭނެ ކަމަށެވެ. އަދި އުންމީދަކީ މިދިޔަ އަހަރަށްވުރެ ގިނައިން މި އަހަރު ބާޒާރަށް ކަރާ ނެރުންކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރޯދަމަސް ނިމެންދެން އެ ރަށުން ބާޒާރަށް ކަރާ ސަޕްލައިކުރެވޭނެ ކަމަށެވެ. އެގޮތުން މި ފަހަރު ގާތްގަނޑަކަށް 500-450 ޓަނުގެ އަދަދަކަށް ކަރާ މާލެ ގެނެވޭނެ ކަމަށް ލަފާކުރެވޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް