ކެމްޕޭންކުރި ނަމަވެސް ރޯދަމަހު ދޮގަށް ފުރުސަތު ނުދިނުން އެދެން: ރައީސް

ރަމަޟާންމަހުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވާދަވެރި ކެމްޕޭން އޮތް ނަމަވެސް، ދޮގުހެދުމާއި، ފުރައްސާ ކުރުމާއި އަދި މީހުންނަށް ދެރަދިނުމުން ދުރުވެ ތިބުމަށް ރައީސް އިލްތިމާސް ކުރެއްވި -- ފޮޓޯ/ ރައީސް އޮފީސް

މި ފެށޭ ރަމަޟާން މަހުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވާދަވެރި ކެމްޕޭން ކުރިއަށް ގެންދިޔަ ނަމަވެސް، ދޮގުހެދުމާއި، ފުރައްސާރަކުރުމާއި އަދި މީހުންނަށް ދެރަދިނުމުން ދުރުވެ ތިބުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް މިއަދު އިލްތިމާސްކުރައްވައިފިއެވެ.

ކައުންސިލްތަކާ ބައްދަލު ކުރެއްވުމަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ޅ. ނައިފަރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރާއްޖޭގައި ދޮގު ޚަބަރުތައް ފަތުރަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެގޮތުން ރާއްޖޭގައި ވެރިފަރާތް ނޭނގޭ ގޮތަށް ދިވެހިން ހިންގަމުން އަންނަ ބައެއް ބްލޮގްތަކާއި ވެބްސައިޓުތަކާއި، އަދި އެ ފަދަ ޚަބަރު ސައިޓުތަކުން އެއްވެސް ވަރެއްގެ ހަގީގަތެއް ނެތް ވާހަކަތަކެއް ލިޔަމުންދާކަމަށް ވިދާޅުވެ އެ ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

މި ކަމާ ގުޅިގެން ރައީސް ވަނީ އީމާންތެރިކަމެއް ހުރި މީހަކުނަމަ ދޮގު ނުހަދާނެކަން ޤުރުއާނުން ވެސް އެނގެން އޮތްކަމަަށް ވިދާޅުވެފައެވެ.

އެހެންވެ ރައީސްވަނީ "... ބަރަކާތްތެރި ރަމަޟާންމަހު، އަޅުގަނޑުމެންނަކީ މުސްލިމުންނަށްވާތީ، މިކަމަށް އިސްކަންދީ، އަޅުގަނޑުމެންގެ ތަގުވާވެރިކަން އިސްކޮށް، އަޅުގަނޑުމެންގެ ކިބައިގައި މި ރީތި ގުޅުންތައް ގާއިމްކޮށް، އެކަކު އަނެކަކަށް އަޅާލައި އޯގާތެރި މުޖުތަމަޢެއް ގާއިމްކުރުމަށް،" ހުރިހާ ދިވެހިރައްޔިތުންގެ ކިބައިން ވަރަށް ބޮޑަށް އެދިވަޑައިގެންފައެވެ.

ދޮގު ހެދުމާއި ފުރައްސާރަކުރުމާއި މީހުންނަށް ދެރަދިނުމުން ދުރުވެ، އޯގާތެރި ބަޔަކަށްވުމަށް އަޒުމް ކަނޑައަޅައި މަހަކަށް ރޯދަމަސް ހެދުމަށް ރައީސް އެދިވަޑައިގަތެވެ.

އަދި ހަގީގީ މާނައިގައި ރޯދަ ހިފާނަމަ، މި ކަންކަމަށް އިސްކަންދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކަލަންޑަރުގައިވާ ގޮތުން ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޯމަދުވަހެވެ.

comment ކޮމެންޓް