ޣައްޒާގެ 120،000 އާއިލާ ވަރަށް ބޮޑަށް ބަނޑަށްޖެހި ހައިހޫނުކަމުގެ ވޭން ތަހައްމަލުކުރަނީ

ދިވެހީން ފޮނުވާފައިވާ ފައިސާގެ އެހީން ޣައްޒާއަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދެނީ ---

ޣައްޒާ (9 ފެބްރުއަރީ 2024) : އިސްރާއީލުން ޣައްޒާއަށް ކާބޯތަކެތި ވެއްދުމަށް ހުރަސްއެޅުމުގެ ސަބަބުން ޣައްޒާގެ 120 ހާސް އާއިލާ ބަނޑަށްޖެހި ހައިހޫނުކަން ތަހައްމަލު ކުރަމުންގެންދާކަމަށް ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުގެ އިދާރާއިން ބުނެފިއެވެ.

އެއިދާރާއިން ނެރުނު ބަޔާނެއް ބުނާގޮތުން ޣައްޒާގައި ދިރިއުޅޭ 2.3 މިލިޔަން މީހުންގެ ހާލަތު ބެލުމުން އޭގެތެރެއިން ތެރެއިން 120 އާއިލާ (ގާތްގަނޑަކަށް ހަތްލައްކައެއްހައި މީހުން) ހައިހޫނުކަން ތަހައްމަލު ކުރަމުން ގެންދާކަންވަނީ ހާމަވެފައެވެ.

އިސްރާއީލު ގެންދަނީ ކޮންމެ ދުވަހަކު ޣައްޒާގެ އާންމުންގެ ގެދޮރަށާއި އާންމުން އެއްވެއުޅޭ މަދަނީ ތަންތަނަށް ބޮންއަޅައި ގަތުލުއާންމުތައް ހިންގަމުންނެވެ. މިގޮތަށް ހިންގާ ގަތުލުއާންމުތަކުގައި މިހާތަނަށް 31،000 މީހުން މަރުވެ 75،000 މީހުން ޒަޚަމްވެފައިވާއިރު މިޖަރީމާތަކުގެ ޝިކާރައަކަށް އެންމެ ބޮޑަށްވެފައިވަނީ ޣައްޒާގެ ކުޑަކުދިންނާއި އަންހެނުންނެވެ.

ގަތުލުއާންމުތައް ހިންގައި ކޮންމެ ދުވަހަކު ކުށެއްނެތް އެތަށް ސަތޭކަ ބަޔަކު ޝަހީދުކުރަމުން ގެންދިޔުމުގެ އިތުރުން އިސްރާއީލު ގެންދަނީ ޣައްޒާއަށް ކާބޯތަކެތި ވެއްދުމަށް ވެސް ހުރަސްއަޅައި ޣައްޒާގެ އާންމުން ބަނޑަށް ޖައްސަމުންނެވެ. މިހާތަނަށް ހައިހޫނުކަމުގައި ޣައްޒާއިން 30 އަށްވުރެ ގިނަމީހުން މަރުވިކަން އދ. ން ވަނީ ކަށަވަރުކޮށްދީފައެވެ.

ޣައްޒާގެ ކުޑަކުދިން ކާއެތިކޮޅެއްގެ އިންތިޒާރުގައި

މުހައްލިލުން ބުނާގޮތުގައި ޣައްޒާގެ އާންމުން މަރައި އަދި ދެންތިބި މީހުން ބަނޑަށް ޖެއްސުމުގައި އިސްރާއީލުގެ މައިގަނޑު މަގްސަދަކީ ޣައްޒާގެ ރައްޔިތުން ޙަމާސްއާ ދެކޮޅަށް ތެދުވުމަށް މަޖުބޫރު ކުރުވުމެވެ.

ދެވަނަ މަގްސަދަކީ ޣައްޒާ ދޫކޮށް އެހެން ކޮންމެވެސް ގައުމަކަށް ހިޖުރަ ކުރުމަށް ޣައްޒާގެ ރައްޔިތުންނަށް މަޖުބޫރު ކުރުވުމެވެ. ޣައްޒާގައި ދިރިއުޅޭނަމަ ބޮން އަޅައިގެން ނޫނީ ބަނޑަށް ޖައްސައިގެންވެސް އެމީހުން މަރާނެކަމުގެ އިންޒާރު ޣައްޒާގެ ރައްޔިތުންނަށް ދިނުމެވެ.

ނަމަވެސް އިސްރާއީލުން ޣައްޒާއަށް ބޮންއަޅައިގެން އާންމުން މަރަމުން ގެންދާތާ ހަތަރު މަސްވީއިރުވެސް ޣައްޒާގެ ރައްޔިތުންވަނީ ފުރާނަ ސަލަމަތް ކުރުމަށްޓަކައިވެސް އެމީހުންގެ ވަޒަނުން ބޭރުވުމަށް ދެކޮޅު ހަދާފައެވެ.

އަދި ހަމާސް އިން ކުރަނީ ފަލަސްތީނުގެ މިނިވަންކަމުގެ ޖިހާދު ކަމަށްވާތީ އެޖިހާދު ކޮށްގެން ނޫންގޮތަކަށް ފަލަސްތީނުގެ ބިންތައް އިސްރާއީލުގެ އަޅުވެތިކަމާއި އިސްތިއުމާރުން މިނިވަން ނުކުރެވޭނެކަމަށް ވެސް ޣައްޒާގެ ރައްޔިތުން ދެކެއެވެ. މިއާއެކު އެމީހުން ގެންދަނީ ހަމާސްއަށް އެއްބާރުލުން ދެމުންނެވެ.

އެމެރިކާއާއި ޔޫރަޕްގެ އެހީގައި އިސްރާއީލުން ހިންގާ ހުރިހާ ލާއިންސާނީ ޖަރީމާތަކާއި ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމާއި ބަނޑަށް ޖެއްސުމުގެ ޖަރީމާތަކާއެކުވެސް ޣައްޒާގެ ރައްޔިތުންވަނީ އެމީހުންގެ ވަޒަނާއި އަމިއްލަ ބިން އިސްރާއީލަށް ދޫކޮށްލާފައި ގައުމުން ބޭރުވުމަށް ދެކޮޅު ހަދާފައެވެ.

ޣައްޒާގެ އާންމުން ބުނާގޮތުގައި އެމީހުން މަރުވެދާނީ އެމީހުންގެ އަމިއްލަ ބިމުގައެވެ. ކިތަން އަނިޔާވެރި ޖަރީމާތަކެއް އިސްރާއީލުން ހިންގިޔަސް ވަޒަން ދޫކޮށް އެމީހުން ނުދާނެއެވެ.

އދ. ބުނާގޮތުން ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ލާއިންސާނީ ޖަރީމާތަކަކީ ދެވަނަ ބޮޑުހަނގުރާމައަށްފަހު ދުނިޔޭގައި އާންމުންގެ ބަޔަކާ ދެކޮޅަށް ހިންގާ އެންމެ ލާއިންސާނީ ޖަރީމާތަކެވެ. އިސްރާއީލު ގެންދަނީ ހައިހޫނުކަން ތަހައްމަލުކުރާ މީހުން ކާއެތިކޮޅެއް ހޯދުމަށް ކިޔު ހަދައިގެން ތިއްބާ އެކިޔުތަކަށްވެސް ހަމަލާދީ މީހުންމަރަމުންނެވެ.

މިޖަރީމާތަކަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ވާގިވެރިވަމުންދިޔުމުގެ ސަބަބުން އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި އެގައުމުތަކުން ގެންގުޅޭ ދެފުށްދެގޮތް ސިޔާސަތުވަނީ މުޅި ދުނިޔެއަށް ބޭޒާރުވެފައެވެ.

އަދި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގެ ނަމުގައި ހުޅަނގުގެ ގައުމުތައް ޖައްސައިގެން އުޅޭ މުނާފިގު މޭކަޕްގެ ވަނީ ފިލައިގެން ގޮސް ހުޅަނގުގެ ގައުމުތަކުގެ އަނިޔާވެރިކަމާއި އިންސާނިއްޔަތު ކަމެއްނެތްކަން މުޅި ދުނިޔެއަށް ހާމަވެ ހުޅަނގުގެ ވެލިޔުތައްވަނީ ފޭކަކަށް ވެގެން ގޮސްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު