އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން މެދުކަނޑައިލަން އެމެރިކާއިން ބޭނުމެއްނުވޭ

އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމާ ދެކޮޅަށް މިދިޔަ މަހު 25 ވަނަ ދުވަހު ސްޕެއިންގައި ކުރި މުޒާހަރާ. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން މެދުކަނޑައިލަން އެމެރިކާއިން ބޭނުންނުވާ ކަމަށް އިސްރާއީލުގެ ނޫހެއް ކަމަށްވާ ވައްލާއިން ރިޕޯޓުކޮށްފިއެވެ.

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން އެމެރިކާއިން އިސްރާއީލަށް ފޯރުކޮށްދޭ ހަތިޔާރުތަކުގެ ލިސްޓެއް ހޯދުމަށް ވައިޓް ހައުސްއިން ދާދިފަހުން ވަނީ ޑިޕާޓްމަންޓް އޮފް ސްޓޭޓް އެންޑް ޑިފެންސްގައި އެދިފައެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ވައްލާ ނޫހުން ބުނި ގޮތުގައި ވައިޓް ހައުސްއިން އެގޮތަށް އެދިފައި ވަނީ ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސް މެމްބަރުންގެ އިތުރުން ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ވިއްކުމާ ގުޅޭ ގޮތުންނަގާ އާންމު ވޯޓުތަކުން ރައީސް ޖޯ ބައިޑަންގެ ވެރިކަމަށް ޕްރެޝަރު ބޮޑުވަމުން އަންނަ ދަނޑިވަޅެއްގައެވެ. ނަމަވެސް އިސްރާއީލަށް ހަތިޔާރު ވިއްކުން އެމެރިކާއިން އަވަސް މުސްތަގުބަލެއްގައި ހުއްޓައިނުލާނެ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

އެއީ ހަނގުރާމަ ފެށިފަހުން ވައިޓް ހައުސްއިން އެފަދަ ލިސްޓެއް ދޭން އެދުނު ފުރަތަމަ ފަހަރު ކަމަށްވެސް އެ ނޫހުން ބުނެއެވެ.

އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައަށް އެމެރިކާއިން ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށާއި، ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކުރުން އިތުރު ކުރުމަށް ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސްގެ މެމްބަރުން ސަރުކާރަށް ޕްރެޝަރުކުރާ މިންވަރު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސްގެ 35އަށް ވުރެ ގިނަ މެމްބަރުން ވަނީ ބައިޑެންއަށް ސިޓީއެއް ފޮނުވައި، ރަފާހަށް އިސްރާއީލުން އަރައިގަތުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އެމެރިކާގެ ހަތިޔާރު ބޭނުންކުރުމަށް ފުރުސަތު ދިނުން ކަމުގެ އިންޒާރު ދީފައެވެ.

ބުދަ ދުވަހު ދަ ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެމެރިކާއިން ވަނީ އިސްރާއީލަށް ހަތިޔާރު ވިއްކުމުގެ 100އަށް ވުރެ ގިނަ މުއާމަލާތްކޮށްފައެވެ.

comment ކޮމެންޓް