ވިސާއާނުލައި ހަ ގައުމަކުން ޗައިނާއަށް ދަތުރުކުރެވޭގޮތް ހަދައިފި

ވިސާއާނުލައި ހަ ގައުމަކުން ޗައިނާއަށް ދަތުރުކުރެވޭގޮތް ހަމައްސައިފި -- ފޮޓޯ/ބީބީސީ

ވިސާއާނުލައި ހަ ގައުމަކުން ޗައިނާއަށް ދަތުރުކުރެވޭ ހަމަޖައްސައިފައިވާ ކަމަށް އެ ގައުމުގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

ވިސާއާނުލައި ޗައިނާއަށް ދަތުރުކުރެވޭނީ 15 ދުވަހުގެ މުއްދަތަށެވެ. ވިލާތުގެ އެ ހަ ގައުމަކީ ސްވިޒަލޭންޑު، އަޔާލޭންޑު، ހަންގޭރި، އޮސްޓްރިއާ، ބެލްޖިއަމް އަދި ލަކްޒަމްބާގެވެ.

އިއްޔެއިން ފެށިގެން އަމަލުކުރަމުން އަންނަ އެ އުސޫލު ދަށުން އަންނަ މާޗު 14 އާއި ނޮވެމްބަރު 30، އާ ދެމެދު އެ ގައުމުތަކުގެ އާދައިގެ ޕާސްޕޯޓް ހޯލްޑަރުންނަށް ވިޔަފާރިއާއި ފަތުރުވެރިކަމަށާއި އެ ނޫން ވެސް ބޭނުންތަކުގައި ވިސާއާނުލައި ޗައިނާއަށް ދަތުރުކުރެވޭނެއެވެ.

އެ ފިޔަވަޅަކީ ޗައިނާއިން މި އަހަރަށް ކަނޑައަޅައިފައިވާ ލަނޑުދަނޑިތަކުގެ ދަށުން މަސައްކަތާއި، ކިޔެވުމާއި، އެ ނޫން ވެސް ބޭނުންތަކުގައި ޗައިނާއަށް ބިދޭސީން އައުމުގެ އުސޫލުތައް ފަސޭހަކޮށްދިނުމަށް ޗައިނާއިން އެޅި ފިޔަވަޅެކެވެ. އެއީ ޗައިނާއާއި އެހެން ގައުމުތަކާމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ވެސް ޚާރިޖީ ވުޒާރާއިން ބުނެއެވެ.

މީގެ ކުރިން ޖެނުއަރީ މަހު ޗައިނާގެ ޕްރިމިއާ ލީ ކިއަންގް އާއި ސްވިޒަލޭންޑްގެ ރައީސް ވިއޯލާ އަމްހޭޑްގެ ބޭއްވެވި ބައްދަލުވުމެއްގައި ޗައިނާއިން ވަނީ ސްވިޒަލޭންޑްގެ ރައްޔިތުންނަށް ވިސާއާނުލައި ޗައިނާއަށް އެތެރެވެވޭނެގޮތް ހަދައި ދޭނެކަމަށާއި ދެ ގައުމުގެ ޚާރިޖީ ގުޅުމާއި އިގުތިސާދީ އެއްބާރުލުން ބަދަހި ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ޖަޕާނާއި ބްރޫނާއީ އަދި ސިންގަޕޫރު ރައްޔިތުންނަށް ފަތުރުވެރިކަމާއި ވިޔަފާރިއާއި އެ ނޫން ވެސް ބޭނުންތަކަށް ޓްރާންސިޓް ނުކޮށް 15 ދުވަހުގެ މުއްދަތަށް ޗައިނާއަށް ދަތުރުކުރުމުގެ ހުއްދަ މީގެ ކުރިން ޗައިނާއިން ދީފައިވެއެވެ. އެ އުސޫލު މެދުކަނޑާލީ ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރުކުރުމުގައި ޗައިނާއިން ގެންގުޅުނު ހަރުކަށި ސިޔާސަތުގެ ދަށުންނެވެ.

ނަމަވެސް 2023 ވަނަ އަހަރު ޖުލައި މަހުން ފެށިގެން ސިންގަޕޫރު އަދި ބުރޫނާއިގެ ރައްޔިތުންނަށް ވިސާއާނުލައި ޗައިނާއަށް ދަތުކުރެވޭގޮތް ވަނީ ހަމަޖައްސައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް