އެޗްޑީސީގެ މައްސަލަތަކެއް ވެސް އޭސީސީއަށް ހުށަހަޅަނީ

އެޗްޑީސީގައި ނާޖާއިޒު ގޮތުގައި ހިނގާފައިވާ ކަންކަމުގެ މައްސަލަ އޭސީސީއަށާއި ކަމާގުޅުންހުރި އިދާރާތަކަށް ފޮނުވާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވުން -- ސަންފޮޓޯ/ މޫސާ ނަދީމް

މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން، ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައި ނާޖާއިޒު ގޮތުގައި ހިންގާފައިވާ ކަންކަމުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށާއި ކަމާގުޅުންހުރި އިދާރާތަކަށް ފޮނުވާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކައުންސިލްތަކާ ބައްދަލު ކުރެއްވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ވ. ފެލިދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބަައްދަލު ކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ފަޒުލް ވިދާޅުވީ އޭނާ އެޗްޑީސީއާ ހަވާލުވެލެއްވިއިރު، އެ ކުންފުނީގެ ދަރަނި ހުރީ 10 ބިލިއަން ރުފިޔާގައި ކަމަށާއި، އެ ކަމުގެ ޒިންމާ ނަގަން ޖެހޭ ބަޔަކު އެބަތިބި ކަމަށެވެ. އަދި 800 މިލިއަނެއްހާ ރުފިޔާ ކުންފުންޏަށް ވަންނަން ޖެހޭއިރު، ފާއިތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި އެ ފައިސާ ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމުގެ ޒިންމާ ނަގަން ޖެހޭނީ އެޗްޑީސީގެ ކުރީގެ މެނޭޖްމެންޓުން ކަމަށް ފަޒުލް ވިދާޅުވިއެވެ.

މިކަމާ ގުޅޭ އޮޑިޓް ރިޕޯޓްތައް ހަދަމުންދާއިރު، އެ ރިޕޯޓުތައް ހިއްސާކުރަން ޖެހޭ ފަރާތްތަކާ ހިއްސާ ކުރައްވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ފަންސާހަކަށް ބިން ނުހައްގުން ދޫކޮށްފައިވާކަމަށް ފަޒުލް ތުހުމަތު ކުރެއްވީ އާދިއްތަ ދުވަހުގެރޭ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. އެ ގޮތުން ނުހައްގުން ބިން ދޫކުރީ ކޮން ބައެއްތޯ ބަލައި، އެ މީހުންގެ މައުލޫމާތު އާންމު ކުރައްވާނެ ކަމުގައި އެރޭ އޭނާ ވިދާޅުވެފައިވެއެވެ.

މިރޭ ފެލިދޫގައި ބޭއްވި ޖަލްސާގައި ފަޒުލް ވިދާޅުވީ ނުހައްގުން ދޫކޮށްފައިވާ ބިންތައް ނެގުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ތިލަފުށީގައި 35 ބިން ހައްގު ނޫން ފަރާތްތަކަށް ވަގުތީ ބޭނުމަށް ދީފައިވާކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

"އެއް އަހަރު ދުވަހުގެ މުއްދަތަށް ދީފައި ހުންނަ ތަންތަން ހެދުމުގެ ހުއްދައެއް އެޗްޑީސީއަކުން ނުދޭނެ. ނަމަވެސް މި ހުއްދަ އަނގަބަހުން ދީފައި އެބަހުރި. ހުއްދަ އަނގަބަހުން ދިނުމުގެ ސަބަބުުން ވިޔަފާރިވެރިންގެ ހައްގުތައް އެބަ ގެއްލޭ. ނޫނީ އާންމު ރައްޔިތުންގެ ހައްގުތައް މިތަންތަން ހޯދާއިރު އެބަ ގެއްލޭ،" ފަޒުލް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އޭނާ އިތުރަށް ވިދާޅުވީ މިއީ އެޗްޑީސީއަށް ގެއްލުނު ވަރަށް ބޮޑު އާމްދަނީއެއް ކަމަށެވެ. އަދި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން އެ ފަރާތްތައް ގާނޫނީ އިމުގެ ތެރެއަށް ފައްތާނެ ކަމަށެވެ.

އެޗްޑީސީގައި ނާޖާއިޒު މަންފާ ބޭނުންކުރި ކަމުގެ މައްސަލަތައް މިހާރުގެ މެނޭޖްމެންޓުން އޭސީސީއަށް ހުށަހަޅާނެކަން މިރޭ އިއުލާންކޮށްފައިވާ އިރު، ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތައް ވެސް އޭސީސީއަށް ހުށަހަޅާނެ ކަމަށް ހޯމަ ދުވަހު އެ ކުންފުނީގެ ފަރާތުން ވަނީ ހާމަކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް