ގަވާއިދާ ޚިލާފަށް އުޅޭ 817 ބިދޭސީން ފޮނުވާލައިފި

ބިދޭސީންތަކެއް ޖުމްހޫރީ މައިދާނުގައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެެއިން މިހާތަނަށް 817 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅުގެ ދަށުން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ނުބަލާ އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި ހޯމް މިނިސްޓްރީން ޓާސްފޯހެއް އެކުލަވާލާފައިވާ ކަމަށެވެ.

އެގޮތުން އެ އިދާރާއިން އެ މައްސަލައާ ގުޅޭ 22 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން 15 އޮޕަރޭޝަން ހިންގާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިއްޔެ ހޯމް މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޝަމްއާން ވަހީދު ވެސް ވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ބަލައި، މިހާތަނަށް 817 ބިދޭސީއަކު އަނބުރާ ގައުމަށް ފުރުވާލާފައިވާ ކަމަށް ވިދާޅުވެފައެވެ.

މާލޭގައި ބިދޭސީންތަކެއް -- ސަން ފޮޓޯ/ މުޙައްމަދު ހަމްޒާ

އޭގެ ތެރެއިން، 527 ބިދޭސީންނަކީ ރީ އިންޓަގްރޭޝަން އޮޕަރޭޝަންގެ ދަށުން ފުރުލާފައިވާ މީހުން ކަމަށާއި 290 ބިދޭސީން ޑީޕޯޓުކޮށްލާފައިވާ ކަމަށް ޝަމްއާން ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އޭނާ ވަނީ އެތައް ދުވަހެއް ވަންދެން މިފަދަ އޮޕަރޭޝަންތައް ހިންގައި ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ފުރުވާލުމުގައި ނިމިދިޔަ ތިން މަސް ދުވަހު ބޮޑު ކުރިިއެރުމެއް ހޯދާފައިވާ ކަމަށް ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، މިހާތަނަށް ފުރުވާލާފައިވާ ބިދޭސީންގެ ތެރޭގައި ސައްހަ ވިސާއެއް ނެތި އުޅެމުން އަންނަ ބިދޭސީންނާއި އެކި ކުށްތަކަށް އަރައިގަނެފައިވާ ބިދޭސީން ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އެގޮތުން ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ހަށި ވިއްކުމުގެ ވިޔަފާރިތަކުގައި ޝާމިލްވާ ބިދޭސީން މި އޮޕަރޭޝަންތަކުގެ ތެރެއިން ޑީޕޯޓުކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އަދި ކުރިއަށް އޮތް ތަނުގައި ވެސް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ޚާއްޞަ އޮޕަރޭޝަންތަކެއް ހިންގާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

comment ކޮމެންޓް