ޗައިނާ ސަރުކާރުން ފޯރުކޮށްދޭ އަސްކަރީ ހިލޭ އެހީގެ ދަށުން، ދިވެހި ސިފައިންނަށް ބޭނުންވާ އިތުރު ތަމްރީނާއި، ނޮން-ލީތަލް ހަތިޔާރު ފޯރުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެ މަނިކުފާނު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުފުޅުގެ ތެރެއިން ދ. މީދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޗައިނާއިން ރާއްޖެއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޭގެ ބޭނުމަކީ ދިވެހިރާއްޖޭން އަމިއްލަ ފައިމައްޗަށް ތެދުވެ، މިނިވަންކަމާއި އިސްތިގްލާލު ވަރުގަދަ ކުރުން ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ދިވެހި އަސްކަރިއްޔާއަށް ބޭނުންވާ އިތުރު ތަމްރީނާއި ޓެކްނިކަލް ކެޕޭސިޓީ ވެސް އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ނޮން-ލީތަލް ހަތިޔާރުގެ ތެރޭގައި ކަރުނަ ގޭހާއި ޕެޕާ ސްޕްރޭ ފަދަ ހަތިޔާރު ހިމެނެއެވެ.
މިކަމާ ގުޅިގެން އެކްސްގައި މައުލޫމަތު ހިއްސާކޮށް ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ، ޗައިނާގެ މޭޖާ ޖެނެރަލް، އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓާ، ޖަންގް ބައޮކުއާން ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނުގެ އަރިހަށް އިއްޔެ ޒިޔާރާތް ކުރެއްވި ކަމަށެވެ.
މި ޒިޔަރާތުގައި ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ. އަދި ދެގައުމުގެ ގުޅުން ވަރުގަދަ ކުރުމަށާއި ޗައިނާއިން ރާއްޖެއަށް މިލިޓަރީ އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ.
މީގެ އިތުރުން ރާއްޖެއާއި ޗައިނާއާ ދެމެދު އަސްކަރީ ގުޅުން ގާއިމްކޮށް، ބަދަހިކުރުމަށް ރައީސް މުއިއްޒުވަނީ ޗައިނާގެ އޮފިސް ފޯ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަނާއެކު މަޝްވަރާ ވެސް ކުރައްވާފައެވެ.
ރާއްޖެ ވަޑައިގެން މިހާރު އުޅުއްވާ އެ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރު މޭޖާ ޖެނަރަލް ޒާންގް ބާއޯގުން މިއަދުވަނީ ރައީސްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައި ބައްދަލުކުރައްވައިފައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މި ބައްދަލުވުމުގައި މޭޖާ ޖެނެރަލް ބާއޯގުންއާއި ރައީސް ޑރ. މުއިއްޒުވަނީ ދެ ގައުމުގެ ދެމެދު އަސްކަރީ ގުޅުން ބަދަހިކޮށް، އެކުގައި، މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
ރާއްޖެއިން ޗައިނާއާއެކު އަސްކަރީ ގުޅުން ގާއިމްކުރުމުގެ މަޝްވަރާ ފަށައިފައިވާއިރު، މީގެ ކުރިން އެ ގައުމާއެކު އަސްކަރީ ގުޅުން މާ ބޮޑަށް ގާއިމްކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ޗައިނާ ފާހަގަވެފައި އޮތީ ރާއްޖެއަށް އުމްރާނީ ތަރައްގީގެ ގޮތުންނާއި ވިޔަފާރީގެ ބައިވެރިއެއްގެ ގޮތުގައެވެ.
އަސްކަރީ ގުޅުމުގައި މިހާތަނަށް ރާއްޖެއިން މަސައްކަތް ކުރަމުން އައީ އެކުވެރި އަަވަށްޓެރި ގައުމުތަކާއެކުގައެވެ.