އިންތިހާބުގައި ޓްރަމްޕްއަށް ވާދަކުރެއްވޭނެ ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅައިފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް. ފޮޓޯ/އަލްޖަޒީރާ

އެމެރިކާގެ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ގައުމުގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްއަށް ވާދަކުރެއްވޭނެ ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ސްޕްރީމް ކޯޓުން އެގޮތަށް ނިންމީ ބަގާވާތެއް ހިންގަން މަސައްކަތް ކުރިކަމަށް ބުނެ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޓްރަމްޕްއަށް ވާދަ ނުކުރެއްވޭނެ ކަމަށް އެމެރިކާގެ ވަކި ވަކި ސްޓޭޓުތަކުން ނިންމި ނިންމުމާ ގުޅިގެންނެވެ.

އިންތިހާބުގައި ޓްރަމްޕްއަށް ވާދަކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުންގެ އިއްތިފާފުން ނިންމާފައި ވަނީ ކޮލޮރާޑޯ ސްޓޭޓުގެ މައްސަލައިގައި އެކަންޏެވެ. ނަމަވެސް އެހެން ސްޓޭޓުތަކުން ވެސް މި ނިންމުމަށް އަމަލުކުރަން މަޖުބޫރު ވާނެއެވެ.

ކޮލޮރާޑޯގެ އިތުރުން އިންތިހާބުގައި ޓްރަމްޕްއަށް ވާދަނުކުރެއްވޭނެ ކަމަށް ކަނޑައަޅާފައިވާ އަނެއް ދެ ސްޓޭޓަކީ މެއިން އާއި އިލިނޮއީއެވެ. ނަމަވެސް އެ ދެ ސްޓޭޓުން ހުށަހެޅި މައްސަލައަށް ގޮތެއް ނުނިންމާ އޮތީ ކޮލޮރާޑޯގެ މައްސަލައިގައި ސްޕްރީމް ކޯޓުން ގޮތެއް ނިންމަންދެނެވެ.

ސްޕްރީމު ކޯޓުން ނިންމި އެ ނިންމުމަކީ އެމެރިކާއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ޓްރަމްޕް ވަނީ ސިފަކުރައްވައިފައެވެ. ނަމަވެސް ކޯޓުގެ އެ ނިންމުމާމެދު ހިތާމަކުރައްވާ ކަމަށް ކޮލޮރާޑޯގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖެނަ ގްރިސްވޮލްޑް ވަނީ ވިދާޅުވެފައެވެ.

ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީތައް މާދަމާ އެމެރިކާގެ 14 ސްޓޭޓެއްގައި ކުރިއަށް ދާނެއެވެ.

comment ކޮމެންޓް