ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އަނެއްކާވެސް ޖެފް ބެޒޯސް

ދުނިޔޭގެ އެންމެ މުއްސަނދި މީހާ ޖެފް ބެޒޯސް. ފޮޓޯ/އަލްޖަޒީރާ

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު އަނެއްކާވެސް ޖެފް ބެޒޯސް ހޯދައިފިއެވެ.

އެމެރިކާ ކުންފުނި އެމެޒޯންގެ ވެރިޔާ ބެޒޯސް އެ މަގާމު ހޯދީ ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ކުރިން ހުރި ޓެސްލާ އާއި ސްޕޭސް އެކްސް އާއި އެކްސް (ކުރީގެ ޓްވިޓާ) ފަދަ ކުންފުނިތަކުގެ ވެރިޔާ، އީލޮން މަސްކު ވައްޓައިލުމަށްފަހުއެވެ.

ބްލޫމާގްސް ބިލިއަނާސް އިންޑެކްސް އިން ދައްކާ ގޮތުން ބެޒޯސްގެ މިލްކިއްޔާތުގައި މިހާރު 200 ބިލިއަން ހުރިއިރު، މަސްކުގެ މިލްކިއްޔާތުގައި ހުރީ 198 ބިލިއަން ޑޮލަރެވެ.

އުމުރުން 60 އަހަރުގެ ބެޒޯސް އަކީ ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ވިޔަފާރި، އެމެޒޯން ވުޖޫދަށް ގެނައުމުގެ އިތުރުން ވެސް ތަފާތު އެތައް ބޮޑެތި ކުންފުނިތަކެއްގެ ވެރިއެކެވެ. އޭގެ ތެރޭގައި ޖައްވީ ކުންފުނި ބްލޫ އޮރިޖިންއާއި އެމެރިކާގެ މަޝްހޫރު ނޫސް، ދަ ވޮޝިންޓަން ޕޯސްޓު ހިމެނެއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު މަސްކަށް ގެއްލުނީ އިއްޔެ ޓެސްލާގެ ހިއްސާގެ އަގު ވެއްޓުމާ ގުޅިގެންނެވެ. އެ ކުންފުނީގެ ހިއްސާގެ ވިޔަފާރި ވަނީ 7.2 އިންސައްތައަށް ވެއްޓިފައެވެ.

އެމެޒޯންގެ ހިއްސާއެއްގެ އަގު މިއަހަރު 18 އިންސައްތައަށް އުފުލިފައިވާއިރު، ޓެސްލާގެ ހިއްސާއެއްގެ އަގު ވަނީ 24 އިންސައްތައަށް ވެއްޓިފައެވެ.

ހިއްސާގެ ބާޒާރާއި އިގްތިސާދީ އެހެން ހިސާބުތަކަށް ބިނާކޮށް ކުރިއަށް ގެންދާ މި ރޭންކިންގައި ފާއިތުވި އަހަރުތަކުގައި އެއްވަނަ ހޯދުމަށް ބެޒޯސްއާއި މާސްކް ވަނީ ވަރަށް ބޮޑަށް ވާދަކޮށްފައެވެ.

comment ކޮމެންޓް