މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ 993 ބަލައި ފާސްކޮށްފި

ސިޓީ ކައުންސިލާއި އެޗްޕީއޭއިން ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުގެ ތެރެއިން ބެލި ބައެއް ތަންތަން: މާލޭގައި ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ގިނަ ކެފޭ ހޮޓާތަކެއް ފާހަގަވެފައިވާ ކަމަށް ކައުންސިލުން ބުނި - ފޮޓޯ/ ސިޓީ ކައުންސިލް

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ގްރޭޓާ މާލެ ސަރަހައްދުގައި ކުރިޔަށް ގެންދިޔަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލައިފާސްކުރުމުގެ ހަރަކާތުގެ ތެރެއިން ޖުމްލަ 993 ތަނެއް ބަލައި ފާސްކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލާއި ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބައިވެރިވުމާ އެކު އެޗްޕީއޭއިން އިންތިޒާމް ކޮށްގެން މި އިންސްޕެކްޝަން ކުރިޔަށް ގެންދިޔައީ މިދިޔަ މަހުގެ 19އިން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

އެޗްޕީއޭއިން ބުނީ މި އިންސްޕެކްޝަންގެ މައިގަނޑު މަގުސަދަކީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި ސާފުތާހިރުކަމުގެ މިންގަނޑުތަކާ އެއްގޮތަށް އަމަލު ކުރުމަށް ބާރުއަޅައި، މި މިންގަނޑުތާކާ އެއްގޮތަށް ޚިދުމަތް ދިނުމަށް ބާރުވެރިކޮށް އަހުލުވެރި ކުރުވުން ކަމަށެވެ.

އެޗްޕީއޭއިން ގްރޭޓާ މާލެ ސަރަހައްދުގައި ކުރިޔަށް ގެންދިޔަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލައިފާސްކުރުމުގެ ހަރަކާތުގެ ތަފާސްހިސާބު

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން އެ އިންސްޕެކްޝަންގެ ތެރެއިން ބަލައިފައިވާ ތަންތަނުގެ ތެރޭގައި ރެސްޓޯރެންޓާއި ކެފޭއާއި ހޮޓަލާއި ބޭކަރީއާއި ޓޭކްއަވޭ ޚިދުމަތްދޭ ތަންތަނާއި ކެންޓީންތަކާއި ބަދިގެތަކާއި ފިހަރާތަކާއި ގާޑިޔާ، ކިޔޮސްކް، ޓެންޓްގެ އިތުރުން މާރުކޭޓުތައް ހިމެނެއެވެ.

އޭގެ ތެރެއިން އެންމެ ގިނައިން ބަލައި ފާސްކޮށްފައިވަނީ މާލެއާއި ހުޅުމާލެއިންނެއެވެ. އެއީ މާލެއިން 597 ތަނަކާއި ހުޅުމާލެއިން 308 ތަނެކެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނެފައިވަނީ މި އިންސްޕެކްޝަންގައި ފާހަގަ ކުރެވުނު ކަންތައްތަކަށް ބަލައި، އެ ކަންތައްތައް އިސްލާހުކުރުމަށް ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދުގެ މަތިން ފިޔަވަޅު އަޅާނެކަން އެ އިދާރާއިން ފާހަގަކުރިއެވެ.

އެ އިންސްޕެކްޝަނާ ގުޅޭ ގޮތުން އިއްޔެ މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައިވަނީ މާލޭގައި ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ގިނަ ކެފޭ ހޮޓާތަކެއް ފާހަގަވެފައިވާކަމަށެވެ.

https://sun.mv/189388

އެއްވެސް ހުއްދައެއް ނެގުމަކާ ނުލައި، ބިދޭސީން ހިންގާ ތަންތަން ވެސް ހޯދިފައިވާކަމަށާއި އެ ތަންތަނުގެ މައުލޫމާތު ނަގައި، އެ ފަދަ ތަންތަނާމެދު އެޗްޕީއޭއިން ފިޔަވަޅު އަޅާނެކަމަށް ސިޓީ ކައުންސިލުން ވެސް ބުނެފައިވެއެވެ.

comment ކޮމެންޓް