ޗައިނާއިން ރާއްޖެއަށް 12 އެމްބިއުލާންސް ހަދިޔާކޮށްފި

ޗައިނާއިން ރާއްޖެއަށް އެމްބިއުލާންސްތަކެއް ހަދިޔާކޮށްފި-- ސަން ފޮޓޯ/ މުޙައްމަދު މާވީ

ޗައިނާއިން ރާއްޖެއަށް 12 ގްރީން އެމްބިއުލާންސް ހަދިޔާކޮށް، މިއަދު ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

އެ އެމްބިއުލާންސްތައް ހަވާލުކުރުމަށް ރޯޝަނީ ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދެވެ.

އެމްބިއުލާންސްތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗައިނާގެ ސަފީރު ވާންގް ލިޒިން އާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުސަމަދެވެ.

އެ ރަސްމިއްޔާތުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން ފާހަގަކުރައްވައި، ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ޝުކުރު ދެންނެވިއެވެ.

ސްޓޭޓް މިނިސްޓަރު ހަދީޖާ ދެއްކެވި ވާހަކަފުޅުގައި ވަނީ، ކުދި ރަށްތަކުގައި ވެސް މި އެމްބިއުލާންސްތައް ބޭނުންކުރެވޭނެ ކަމަށާއި މިކަމުގެ ސަބަބުން ސިއްހީ ދާއިރާއަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް އޮފީހުން ބުނީ އެ އެމްބިއުލާންސްތަކާއެކު، ކާރިސާގެ ވަގުތުތަކުގައާއި، އެމެޖެންސީ އަދި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ޞިއްޙީ ކުއްލިފަރުވާ، ރަށްތަކުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމަށެވެ. އަދި ބޮޑެތި ޕެރަމެޑިކް އެމްބިއުލާންސްތައް ދުއްވުމަށް ދަތިވާ ކުދި ރަށްތަކުގައި ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި އިތުރު ފަސޭހަކަމެއް ލިބޭނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

comment ކޮމެންޓް