އެމްއެންޔޫގެ ''ފަހި ސުފުރާ'' މައުރަޒު ފަށައިފި

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ތަފާތު ބާވަތްތަކުގެ ކާބޯތަކެއްޗާއެކު، ކާބޯތަކެތީގެ މައުރަޒެއް ފަށައިފި -- ސަން ފޮޓޯ/ މުހައްމަދު މާވީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ތަފާތު ބާވަތްތަކުގެ ކާބޯތަކެއްޗާ އެކު ބާއްވައި ކާބޯތަކެތީގެ މައުރަޒު "ފަހި ސުފުރާ" މިއަދު ފަށައިފިއެވެ.

މި މައުރަޒު ހުޅުވާދެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމްއެވެ.

ބައިވެރިވާން ބޭނުން އެންމެންނަށް ހިލޭ ބައިވެރިވެވޭގޮތަށް ކުރިއަށްގެންދާ މި މައުރަޒަކީ ހުނަވެރިންގެ ހުނަރު ދައްކާލުމަށާއި އެ ފުރުޞަތު ލިބިފައިނުވާ ކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ މައުރަޒެކެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމް ފަހި ސުފުރާ މައުރަޒު ހުޅުވައިދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު މާވީ

އެމްއެންޔޫގެ ސްޓޯލެއް ހިމެނޭ ގޮތަށް މި މައުރަޒުގައި ޖުމްލަ 13 ސްޓޯލު ހުރެއެވެ. އަދި، އެ ސްޓޯލުތަކުން ދިވެހި ކެއުންތަކާއި ފޮނި ކާއެއްޗެހި އަދި ތަފާތު އަމިއްލަ އުފެއްދުންތައް ލިބެން ހުންނާނެއެވެ.

މިއަދާއި މާދަމާ ކުރިއަށްދާ މި މައުރަޒު ކުރިއަށް ދާނީ މެންދުރު 14:00 އިން ހަވީރު 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށް އެމްއެންޔޫގެ އިދާރީ މަރުކަޒުގައެވެ.

މި ބާޒާރުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދިވެހީންގެ ތެރޭގައި ތިބި ކާބޯތަކެތި އުފެއްދުންތެރިން އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކައިލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދިނުން ހިމެނެއެވެ. އަދި، އާންމުންނަށް ފޯރުކޮށްނުދެވި ހުރި އާ ކާބޯތަކެތީގެ ބްރޭންޑްތަކާއި ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސްދެވޭނެ މާޙައުލެއް މި ބާޒާރުގެ ތެރެއިން އުފެއްދުމަކީ ވެސް މީގެ މަގުސަދެކެވެ.

އަދި ކާބޯތަކެތި ވިއްކުމަށް ބޭނުންވާ ދިވެހި އުފެއްދުންތެރިންނަށް އެފުރުސަތު ފަހި ކޮށްދި އެފަދަ މާޙައުލެއް އުފެއްދުމަކީ ވެސް މި ބާޒާރުގެ މަގުސަދެކެވެ.

އެމްއެންޔޫއިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ވެސް މިފަދަ ތަފާތު އެތައް އިވެންޓުތަކެއް އަންނަނީ ބާއްވަމުންނެވެ.

comment ކޮމެންޓް