އީރާން އިންތިޚާބު، މިހާތަނަށް ކުރީގައި އުޅެނީ ކޮންޒަވޭޓިވް ޕާޓީ

ހުކުރު ދުވަހު ބޭއްވި އީރާުނުގެ ގާނޫނުހަދާ މަޖިލީސް އިންތިހާބުގައި އަންހެނަކު ވޯޓުލަނީ -- ފޮޓޯ/ރޮއިޓާސް

ހުކުރު ދުވަހު ބޭއްވި އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ނިމި، ވޯޓު ގުނަން ފަށައިފައިވާއިރު، މި ވަގުތު ކުރީގައި އުޅެނީ ކޮންޒަވޭޓިވް ޕާޓީ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އީރާނުގައި މިހާރު އޮތް ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ވެސް އޮތީ ކޮންޒަވޭޓިވް ޕާޓީގައެވެ. މި ފަހަރުގެ މަޖިލީހުގެ މެޖޯރިޓީ ވެސް ހޯދާނީ އެ ޕާޓީން ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އެ އިންތިޚާބަކީ 22 އަހަރުގެ މަހްސާ އަމީނީ އީރާނުގެ ޖަލުގައި ހުއްޓައި މަރުވުމާ ގުޅިގެން އެކަމާ ދެކޮޅަށް ވަރުގަދަ މުޒާހާރާތައް ފެށިފަހުން ބޭއްވި ފުރަތަމަ އިންތިޚާބެވެ. އަމީނީ ހައްޔަރުކޮށްފައި ވަނީ އިސްލާމް ދީނުގައި އެއްގޮތްވާ ގޮތުގެ މަތިން އަންހެނުން ހެދުން އެޅުމުގެ އުސޫލާ ހިލާފުވެގެންނެވެ.

އީރާނުގެ ގައުމީ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި ހުކުރު ދުވަހުގެ ރޭ ދަންވަރު ވަނީ ވޯޓު ގުނަންފަށައިފައެވެ. ވޯޓު ފޮށިތައް ބަންދުކުރުމުގެ ކުރިން އެތައް ފަހަރަކު ވޯޓުލާ ވަގުތު އިތުރުކޮށްފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ބުނެއެވެ.

ޖުމުލަ 290 މެންބަރުން އެކުލެވޭ ގާނޫނު ހަދާ މަޖިލީހަށް 15،200 މެންބަރުން ވާދަކުރެއެވެ.

އިސްލާމީ ފިރިހެން އިލްމުވެރިން އެކަނި އެކުލެވިގެންވާ 88 މެންބަރުންގެ އެސެމްބްލީ އޮފް އެކްސްޕާޓްސްއަށް އިތުރު 144 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ.

އީރާނުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 41 އިންސައްތަ މީހުން ކަމަށް މީޑިއާތަކުން ބުނެއެވެ. މިއީ އީރާނުގެ ތާރީހުގައި ވެސް އެހާ މަދުން މީހުން ވޯޓުލާން ނިކުތް ފަހަރުތަކުގައި ގުނައިލެވޭނެ އަހަރެކެވެ.

އެންމެ ފަހުން 2020 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ވޯޓުލާން ނުކުތީ 42.57 އިންސައްތަ މީހުންނެވެ.

comment ކޮމެންޓް