ބަޔާނުން ފްރެއިބާގާ އެއްވަރުވެ ލީގަށް ކުރާ ވާދައިގައި 2 ޕޮއިންޓް ގެއްލުވައިލައިފި

ފްރެއިބަގް އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖަހައިދިން ހޯލާ ބޯޅަ ގޯލަށް ފޮނުވާލަނީ / ފޮޓޯ: ފްލޭޝްސްކޯ ޑޮޓް ކޮމް

ޖަރުމަނު ބުންޑަސްލީގާގައި އެންމެފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި އެސްސީ ފްރެއިބާގް ބައްދަލުކުރި މެޗު އެއްވަރުވެ ލީގު ކާމިޔާބު ކުރުމަށް ބަޔާން އިން ކުރަމުންދާ މަސައްކަތުގައި އަނެއްކާ ވެސް ދެ ޕޮއިންޓް ގެއްލިއްޖެއެވެ.

ފްރެއިބާގްގައި ރޭ ކުޅުނު މި މެޗު ނިމުނީ 2 ލަނޑު 2 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ދެޓީމުގެ ފަރާތުން ވަދަވއރި ކުޅުމެއް ފެނިގެންދިޔަ މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާންއިންނެވެ.

ނަމަވެސް މި މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅުނީ ފްރެއިބާގްއެވެ.

މިގޮތުން މެޗުގެ 12ވަނަ މިނެޓުގައި ފްރެއިބާގްއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ގުންޓާއެވެ.

މި ލަނޑާއެކު ބަޔާންގެ ކުޅުން ރަނގަޅުވާނެކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް ފްރެއިބާގްގެ ޑިފެންސް ވަރުގަދަކަމުން ބަޔާނަށް އެ ޓީމުގެ ޑިފެންސް ފޫއަޅުވައިލަން ދަތިތަކާ ކުރިމަތިވިއެވެ.

މި މެޗުގައި ބަޔާން އިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 35 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މަތީސް ޓެލްއެވެ.

މި މެޗުގެ ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފުގައި ބަޔާންގެ ކުޅުން ރަނގަޅުކަން ފާހަގަ ވެގެންދިޔައެވެ. މިގޮތުން ބަޔާންއިން ވަނީ މެޗުގެ 75ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ވެސް ނަގައިފައެވެ.

ޖަމާލް މުސިއެލާ ޖަހާދިން މި ލަނޑާއެކު މި މެޗު ބަޔާން ކާމިޔަބު ކުރާނެކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް ލޫކަސް ހޯލާވަނީ މެޗުގެ 87ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ފްރެއިބާގަށް ހަމަހަމަ ކޮށްދީފައެވެ.

މިނަތީޖާގެ ސަބަބުން ބަޔާން މިހާރު އުޅެނީ 24 މެޗުން ލިބިފައިވާ 54 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އުޅޭ ބަޔާ ލެވަކޫސެންއަށް ވުރެ ހަތް ޕޮއިންޓް ފަހަތުން ދެވަނައިގައެވެ.

އަދި ލެވަކޫސެން މި ހަފުތާގައި ކުޅޭ މެޗު ކާމިޔާބު ކޮށްފިނަމަ މި ފަރަގު 10 ޕޮއިންޓަށް އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.

comment ކޮމެންޓް