ރައީސް މިފަހަރު ރ. އަތޮޅާއި ބ. އަތޮޅަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅާއި ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅަށް ފުރާވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މާޅޮސްމަޑުލު އުތުރުބުރިއާއި ދެކުނަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި އެ ދެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، ވަގުތު ލިބިވަޑައިގަތް މިންވަރަކުން ދެ އަތޮޅުގެ ވީހައި ގިނަ ރަށްތަކުގެ ކައުންސިލްތަކާއި ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށެވެ.

އެ މަނިކުފާނު އެ ދެ އަތޮޅުގެ އަތޮޅު ކައުންސިލާވެސް ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން، ރައްޔިތުންގެ ހާލު ބައްލަވައިލައްވައި، މަޝްރޫޢުތައް ކުރިއަށް ގެންދާނެ ގޮތަކާމެދު ރައީސް މަޝްވަރާކުރައްވާނެ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި ރައްޔިތުން އެދޭ ކަންކަން އޮޅުންފިލުއްވައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

މިދިޔަ މަހުގެ ތެރޭގައި ރައީސް ވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ތ. އަތޮޅު އަދި ގދ. އަތޮޅުގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވާފައެވެ.

އެ މަނިކުފާނު އުތުރުގެ ރަށްތަކަށް ޒިޔާރާތްކުރައްވައި، ށ. އަތޮޅުގެ ހުރިހާ ކައުންސިލަކާއި ނ. އަތޮޅުގެ ވެސް އެންމެ ކައުންސިލެއް ފިޔަވައި ހުރިހާ ރަށެއްގެ ކައުންސިލުތަކާއި ކޮމިޓީތަކާ ބައްދަލުކުރެއްވިއެވެ.

ރައީސް ވަނީ، މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް