ބޭންކް އޮފް މޯލްޑިވްސްގެ ސްމޯލް ގްރާންޓް ފަންޑުގެ އެހީގައި ބ. ކިހާދޫގައި ގްރީންހައުސް ހައިޑްރޯޕޯނިކްސް ސިސްޓަމެއް ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް) އިން ގާއިމްކޮށްފިއެވެ.
ބީއެމްއެލުން ބުނީ މި ޕްރޮޖެކްޓުގެ ދަށުން ކިއުކަމްބާއާއި ލެޓިއުސް ހެއްދުމަށް ހަތަރު ހައިޑްރޯފޯނިކްސް ސިސްޓަމް ގާއިމްކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ސިސްޓަމެއްގައި 180 ސްލޮޓް ހިމެނޭ ކަމަށާއި އެއްފަހަރާ 700 އަށްވުރެ ގިނަ ގަސް ހެއްދޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލުން ބުނީ، މި ޕްރޮޖެކްޓުން ލިބޭ އާމްދަނީ ބޭނުންކުރަމަށް ހަމަޖެހިފައިވަނީ ޖަމިއްޔާގެ ހަރަކާތްތަކަށް ކަމަށެވެ.

ކިހާދޫގައި ގާއިމުކޮށްފައިވާ ހައިޑްރްފޯނިކް ސިސްޓަމް --- ފޮޓޯ/ބީއެމްއެލް
ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީއިންވަނީ މި ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ދަނޑުވެރިކަމާއި ހައިޑްރޯފޮނިކްސް އާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް ޓްރެއިން ސެޝަންތަކެއް ވެސް ބާއްވައިފައެވެ.
ބީއެމްއެލްގެ 40ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ތައާރަފް ކުރި ބީއެމްއެލް ސްމޯލް ގްރާންޓް ފަންޑަކީ ތިމާވެށްޓާއި ގުޅޭ އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށާއި ދެމެހެއްޓެނެވި ތަރައްގީ އާއި ތިމާވެށީގެ ކަންކަމާ ގުޅޭ ޕްރޮޖެކްޓްތައް ހިންގުމަށް ޖަމިއްޔާތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކުރި ފަންޑެެއް ކަމަށް އެ ބޭންކުން ބުނެއެވެ.