ވ. ފުލިދޫ ފާލަން ކައިރިން ގިރަމުންދާ ސަރަހައްދު އެމްޓީސީސީއިން ހިމާޔަތް ކުރަން ފަށައިފިއެވެ.
ފުލިދޫ ކައުންސިލްގެ ރައީސް މުހައްމަދު އިމްތިޔާޒު މިއަދު "ސަން"އަށް ވިދާޅުވީ، ފާލަން ކައިރިން ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ޖީއޯ ބޭގްސް ޖެހުމުގެ މަސައްކަތް މިއަދު ފަށައިފައިވާ ކަމަށެވެ.
"ފާލަމަށް އަރާ ފޭބުމަށް އަދި ހައްލެއް ނުލިބޭ. ފުދޭ ވަރަކަށް ގިރާފަވެސް އޮތީމަޔާ އެއްކޮށް ދެން މަސައްކަތް މިހާރު ހަލުވި ކަމާއެކު ދަނީ ކުރިއަށް،" އިމްތިޔާޒް ވިދާޅުވިއެވެ.

ފުލިދޫ ފާލަން ރަށާ ވަކިވެ، އަރައި ފޭބުން ނުރައްކާތެރިވެފައި: މި މައްސަލަ ދިމާވާން ފެށިތާ ދުވަސްތަކެއް ވެފައިވާ ކަމަށް ކައުންސިލުން ބުނޭ -- ފޮޓޯ/ މުޙައްމަދު އިމްތިޔާޒު
ފުލިދުއަށް އަރައި ފޭބުމަށް ބޭނުންކުރާ ފާލަން ރަށާ ވަކިވެ، މީހުން އަރައި ފޭބުން ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ އެތަނުގެ މަރާމާތު މަސައްކަތަށް މިދިޔަ ބުރާސްފަތި ދުވަހު އެމްޓީސީސީގެ ޓީމެއްވަނީ އެރަށަށް ގޮސްފައެވެ.
މީގެކުރިން އޭނާ ވިދާޅުވީ އެ މައްސަލަ ދިމާވީ މިދިޔަ މަހު އެރަށަށް ކުރި ވިއްސާރައިގައި ކަމަށެވެ. އެފަހުން މައްސަލަ ގޯސްވެ މިމަހުގެ 12 ހިސާބުގައި ފާލަން ރަށާ ވަކިވެފައިވާކަން އިމްތިޔާޒް ފާހަގަކުރެއްވިއެވެ.
ފުލިދޫގައި އަންނަނީ ބަނދަރެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެ މަސައްކަތް 63 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
އެ މަޝްރޫއު ހަވާލުކުރީ އެއް އަހަރާއި ތިން މަސް ތެރޭގައި ނިންމުމަށެވެ.