ފުލިދޫ ފާލަމަށް އަރައި ފޭބުން ނުރައްކާތެރިވެފައި؛ މަރާމާތަށް އެމްޓީސީސީގެ ޓީމެއް ދަނީ

ފުލިދޫ ފާލަން ރަށާ ވަކިވެ، އަރައި ފޭބުން ނުރައްކާތެރިވެފައި: މި މައްސަލަ ދިމާވާން ފެށިތާ ދުވަސްތަކެއް ވެފައިވާ ކަމަށް ކައުންސިލުން ބުނޭ -- ފޮޓޯ/ މުޙައްމަދު އިމްތިޔާޒު

ވ. ފުލިދުއަށް އަރައި ފޭބުމަށް ބޭނުންކުރާ ފާލަން ރަށާ ވަކިވެ، މީހުން އަރައި ފޭބުން ނުރައްކާތެރި ހާލަތަކަށް ހިނގައްޖެއެވެ.

ފުލިދޫ ކައުންސިލް ރައީސް މުޙައްމަދު އިމްތިޔާޒު "ސަން"އަށް ވިދާޅުވީ، 2019ގައި ބޭނުންކުރަން ފެށި އެ ފާލަމަށް ދިމާވެފައިވާ މައްސަލައަކީ ރަށާ ގުޅޭ ހިސާބުގައި ޖަހާފައިވާ ތަނބުތައް ދޮންވެލިމަތީގައި ހުރުމުން، ރަނގަޅު ހަރުނުލުން ކަމަށެވެ.

އޭނާ ވިދާޅުވީ ފާލަން ރަށާ ވަކިވާން ފެށީ މިދިޔަ މަހު ކުރި ވިއްސާރައިގެ ތެރޭގައި ކަމަށެވެ. އޭގެ ފަހުން މައްސަލަ އިތުރަށް ގޯސްވެ، ފެބްރުއަރީ 12 ހިސާބުގައި ފާލަން ރަށާ އެއްކޮށް ވަކިވީ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

އޭގެ ސަބަބުން ފާލަން ބޭނުންކުރަން ވަރަށް ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފާލަމަށް އެރޭ، އެކަމަކު ވަރަށް ހާލުގައި. ދަތުރުފަތުރު ވަރަށް ބޮޑަށް ފުޅާވެފައި އޮތް އިރު ކޮންމެ ދުވަހަކަށް ރަށަށް މަދުވެގެން 50އާއި 100އާ ދެމެދު މީހުން އަރާނެ. އަރާއިރު ލަގެޖުތައް ބޭލުމާއި ދެން ޒަރޫރީ ބޭނުންތަކަށް މިގެންނަ މުދަލާއި ހުރިހާ އެއްޗެއް ބޭލުމުގައި ވަރަށް ބޮޑަށް ދަތިތައް ދިމާވޭ،" އިމްތިޔާޒް ވިދާޅުވިއެވެ.

ފުލިދޫ ފާލަން މިމަހުގެ 11ގައި: ފާލަމުގެ ހާލަތު މީގެ ކުރިން ވެސް ކަމާ ގުޅުންހުރި ފަރާތްތަކަށް ހިއްސާކޮށްފައި ވާނެ ކަމަށް ކައުންސިލުން ބުނޭ -- ފޮޓޯ/ މުޙައްމަދު އިމްތިޔާޒު

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މި މައްސަލަ ދިމާވުމާއެކު މިދިޔަ މަހު ވެސް ކައުންސިލުން ކަމާ ގުޅުން ހުރި ފަރާތްތަކަށް އެކަން އެންގިއެވެ.

"މިއީ މިއަދަކު މި ޖެނުއަރީގައި ދިމާވި ކަމެއް ނޫން. މަޑުމަޑުކަން ވަމުން އައި ކަމެއް މިއީ. އެހެންވީމަ އެއަށް ހައްލު ހޯދުމަށް މަސައްކަތެއް ނުކޮށްދެވި އޮތީ،" އިމްތިޔާޒް ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން، ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު "ސަން"އަށް ވިދާޅުވީ އެ މައްސަލަ މިއަދު ސަމާލުކަމަށް އައުމާއެކުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީއާއި އެމްޓީސީސީއާ ވާހަކަދެއްކެވި ކަމަށެވެ. އެ މަޝްވަރާތަކުން، ފުލިދުއަށް އެމްޓީސީސީގެ ޓީމެއް ފޮނުވާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި އެނގުނީ އިރާދަކުރެއްވިއްޔާ މިއަންނަ ހޮނިހިރު ދުވަހު އެމްޓީސީސީގެ ޓީމެއް އެކޮޅަށް ގޮސް މިހާރު އެ ދިމާވެފައި ހުރި މައްސަލަ ހައްލު ކުރެވޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ފުލިދޫގައި އަންނަނީ ބަނދަރެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެ މަސައްކަތް 63 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އެ މަޝްރޫއު ހަވާލުކުރީ އެއް އަހަރާއި ތިން މަސް ތެރޭގައި ނިންމުމަށެވެ.

comment ކޮމެންޓް