ށ. ކޮމަންޑޫ ކައިރީގައި ގުޅިފައި އޮންނަ ތިން ރަށުގެ ތެރެއިން ދިގުރަށް (ދިގުވެލިދޫ)ގައި ވައުދުފުޅާ އެއްގޮތަށް އެއާޕޯޓު ތަރައްގީކޮށް، މަތިކޮމަންޑޫއާއި ކޮމަންޑޫ ގުޅުވައިލުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. ކޮމަންޑުއަށް ވަޑައިގެން އެ ރަށުގެ ރައްިޔތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިގުވެލިދޫގައި އެއާޕޯޓެއް އެޅުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
"..އެންމެ ބޮޑު މަޝްރޫއަކީ، އެންމެ ގިނަ ޒަމާންވަންދެން އުންމީދު ކުރާ ކަމަކީ އެއާޕޯޓު. ދިގުވެލިދޫގައި އެއާޕޯޓެއް އަޅައިދިނުމަކީ އަޅުގަނޑުގެ ކެމްޕޭން ތެރޭގައި ވެފައިހުރި ގިނަ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ވައުދު. އަޅުގަނޑު ވައުދުވީ ގޮތަށް އެކަން ކުރާނަން،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ ކޮމަންޑޫގައި ހުއްޓިފައިވާ މުހިންމު މަޝްރޫއުތައް ގިނަކަން ފާހަގަ ކުރައްވާފައެވެ.
އޭގެ ތެރޭގައި ހިމެނޭ ބިމުގެ ޖާގައިގެ ދަތިކަމަށް ހައްލު ގެނައުމަށް، ށ. ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފައްޓަވައިދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
"..މަތިކޮމަންޑޫއާ ގުޅާލުމަށްޓަކައި ވެސް، އެއީ ވެސް ހަމަ ހަގީގަތަކަށްވާން އެދެމުންދާ، އެހެން ނަމަވެސް ހަގީގަތަކަށް ނުވާ މަޝްރޫއެއް. މި ދެންނެވި ކަންކަމާ އެކީގައި ޖުމްލަ ގޮތެއްގައި މި ހުރިހާ މަޝްރޫއެއް ވެސް ކުރިއަށް ގެންދަން އަޅުގަނޑުމެން ގަސްދުކުރަން. އިރާދަކުރެއްވިއްޔާ މި ދެންނެވި ހުރިހާ މަސައްކަތްތަކެއް މި އަހަރު ތެރޭގައި ކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.
ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލުމުގެ ވައުދަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭން ތެރޭގައި އެ މަނިކުފާނު ވެވަޑައިގަތް ވައުދެކެވެ.
ކޮމަންޑޫއާއި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލު ކޮށްގެން އޭގެ އަމަލީ މަސައްކަތް 2022ވަނަ އަހަރު ފެށި ނަމަވެސް، އެ މަސައްކަތް އޮތީ ހުއްޓިފައެވެ.
ކޮމަންޑޫ ކައިރީގައި އޮންނަ މައިރަށް، މެދުރަށް އަދި ދިގުރަށަކީ އެއީ އެއްރަށެއްގެ ގޮތުގައިބަލައި، އެ ތަނުގައި އެއާޕޯޓެއް އެޅުމަށް 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ކުރީގެ ރައީސް ޞާލިޙުގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީން ހުޅުވާލިއެވެ.
ބޮޑުމިނުގައި 5.1 ހެކްޓަރު އޮންނަ ދިގުވެލިދޫގައި އެއާޕޯޓެއް އެޅުއްވުމަށް ފުރަތަމަ ވައުދުވެ ވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެ މަނިކުފާނު އެ ގޮތަށް ވިދާޅުވެފައިވަނީ 2022 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް، މޫސާ ފަތުހީގެ ކެމްޕޭނަށް ކޮމަންޑޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބަައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.