އާބާދީއަށް އަންނަ ބަދަލުތަކަށް ދުރައިލާ ފިޔަވަޅު އަޅަންޖެހޭ: މެޑަމް ސާޖިދާ

މެޑަމް ސާޖިދާ (މ): ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކަށް ދުރާލާ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމަށް --- ފޮޓޯ/ރައީސް އޮފީސް

ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކަށް ދުރައިލާ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ފާހަގަކުރައްވައިފިއެވެ.

ސާޖިދާ މިހެން ވިދާޅުވެފައިވަނީ "ޗޭންޖިން ޕޮޕިއުލޭޝަން ޑައިނަމިކްސް އިން ދަ މޯލްޑިވްސް"ގެ މަތީ ފަންތީގެ ސެޝަން ޝަރަފުވެރިކޮށްދީ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސެޝަނުގެ ޝަރަފުވެރި މެހުމާނުގެ ހައިސިއްޔަތުން ވާހަކަފުޅުދައްކަވަމުން އޭނާ ވަނީ ރާއްޖޭގައި މުސްކުޅި ޢުމުރުގެ އާބާދީ އިތުރުވަމުންދިއުމާއި، ވިހާ ނިސްބަތް ދަށްވަމުންދާކަން ފާހަގަކުރައްވައި މި ކަންކަމަށް ފިޔަވަޅު އެޅުމަށް ގުޅިލާމެހިފައިވާ ސިޔާސަތުތަކެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި، އެގޮތުން ދުވަސްވީ މީހުންނަށްޓަކައި ގާއިމުކޮށްފައިވާ "އިސްރަށްވެހީންގެ ނާދީ" އަދި ހަމައެހެންމެ އައިވީއެފް އަދި އައިޔޫއައިގެ ފަރުވާ ފަދަ ފަރުވާތައް އާސަންދައިގެ ތެރެއިން ހަމަޖެހިގެންދިއުން ފަސްޓްލޭޑީ ފާހަގަކުރެއްވިއެވެ.

އާބާދީއަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކުން ކާމިޔާބުކަމާ އެކު އަރައިގަތުމަށްޓަކައި ރައްޔިތުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ މުހިންމުކަން ސާޖިދާ ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ދެމެހެއްޓެނިވި އުމުރާނީ ތަރައްޤީގެ މަޝްރޫޢު "ރަސްމާލެ" އަދި ސަރުކާރުގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭންފަދަ ގެންގުޅޭ ވަށާޖެހޭ ގޮތްތައް ވެސް ސާޖިދާ ވަނީ ފާހަގަކުރައްވާފައެވެ.

އޭނާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ދުވަސްވީ މީހުންގެ ނިސްބަތް ގިނަ އާބާދީއަކަށް ނުވަތަ މުސްކުޅި އާބާދީއަކަށް ރާއްޖޭގެ އާބާދީ ބަދަލުވަމުންދާދިއުމަށް ފިޔަވަޅުއަޅައި، ވިލުންތެރިކަންއިތުރުކޮށް ޤައުމުގައި ފާގަތިކަން ދެމެހެއްޓުމަށް، ޖިންސީ ހަމަހަމަކަން ޕްރޮމޯޓްކޮށް މީހުންނަށް އިސްކަންދިނުމުގެ ސިޔާސަތުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ.

މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓާއި، އ.ދ.ގެ އާބާދީ ޖަމިއްޔާ (ޔޫއެންއެފްޕީއޭ)ގެ ދިވެހިރާއްޖޭގެ އޮފީސް އަދި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގުޅިގެން އިންތިޒާމުކުރި މި ސެޝަންގައި ސާޖިދާ ވަނީ "ސެންސަސް 2022 އެނަލިޓިކް ޗެޕްޓާސް އެންޑް އެޓޯލްސް ކާޑް" އިފުތިތާޙް ކޮށްދެއްވައިފައެވެ.

comment ކޮމެންޓް