ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ދެކުނަށް ރީނދޫ ސަމާލު ނެރެފި

ވިއްސާރަވެ ކަނޑުގަދަވުން: ރީނދޫ ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމަޔަށް މިއަދު ހެނދުނު 09:00އިން ފެށިގެން މެންދުރު 13:00ގެ ނިޔަލަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޯކޮށް ވާރޭވެހުމާއެކު ގުގުރައި، ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ރީނދޫ ސަމާލު ނެރެފިއެވެ.

ރީނދޫ ސަމާލު ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމަޔަށެވެ. އެގޮތުން އެ ސަރަަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތަށް ގަދަވާނެ ކަމަށް މެޓުންވަނީ ލަފާކޮށްފައެވެ. އެލާޓު ނެެރެފައިވަނީ މިއަދު ހެނދުނު 09:00އިން ފެށިގެން މެންދުރު 13:00ގެ ނިޔަލަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އަދި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. އުތުރު އިތުރުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާ ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ރާޅުގެ އުސްމިން ހުންނާނެ ކަމަށް އަންދާޒާ ކޮށްފައިވަނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައެވެ.

ވިއްސާރަކޮށް ކަނޑުގަދަވާ ދުވަސްވަރު ރާއްޖޭގައި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގާކަން ފާހަގަކުރެވެއެވެ.

comment ކޮމެންޓް