ޔާމީންގެ ތުހުމަތު: އެކުގައި ތަމުރީންތައް ބޭއްވުމުން ދޭހަވަނީ އިންޑިއާ ސިފައިން ބާލަން ނޫޅޭކަން

ޕީއެންއެފްއިން ބޭއްވި ޖަލްސާއެއްގެ ތެރެއިން: ދޯސްތީ ޕްރޮގްރާމް ބޭއްވުމުން ދޭހަވަނީ، އިންޑިއާ ސިފައިން ބާލަން ނޫޅޭކަން ކަމަށް ދޭހަވާ މޭރުމަކުން ޔާމީން ވާހަކަދެއްކެވި -- ސަން ފޮޓޯ/ އަމަން ލަތީފް

އިންޑިއާއާއި ސްރީލަންކާއާއި ރާއްޖެއިން ގުޅިގެން، "ޓްރެއިލެޓަރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ-16" ބޭއްވުމުން ދޭހަވަނީ މި ސަރުކާރުން އިންޑިއާ ސިފައިން ފޮނުވާލަން މަސައްކަތް ނުކުރުކަން ކަމަށް ދޭހަވާ މޭރުމަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވާހަކަދައްކަވައިފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ފެށި 'އިންޑިއާ އައުޓް' ހަރަކާތުގައި އިސްކޮށް ހުންނެވި ޔާމީންގެ ތާއިދާ އެކު ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ކެމްޕެއިން ކުރުމަށް ރޭ ވަނީ ޖަލްސާއެއް ބާއްވައިފައެވެ.

އެ ޖަލްސާގައި، ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވާހަކަދެއްކެވެމުން ގައުމީ ސަލާމަތާ ގުޅުވައި، ދޯސްތީ ޕްރޮގްރާމާ ބެހޭ ގޮތުން ޔާމީން އޭނާއާ ސުވާލުކުރެއްވިއެވެ. އެގޮތުން އިންޑިއާ އިސްކޮށް އޮންނަ، 'ދޯސްތީ' ފަދަ ތަމްރީނެއް ހިންގާ ނަމަ އެ ގައުމުގެ ސިފައިން ރާއްޖެއިން ބާލަން އެއްބަސްވެފައިވާކަން ސަރުކާރުން ރައްޔިތުންނަށް ވިސްނައިދޭނީ ކިހިނެއްތޯ އެ މަނިކުފާނު ސުވާލުކުރެއްވިއެވެ.

ޔާމީން ވިދާޅުވީ ދޯސްތީ ހަރަކާތަކީ ދިވެހި ސިފައިންނަށް މުހިންމު ހަރަކާތެއް ކަމާމެދު ޝައްކެއް ނެތް ކަމަށާއި އެ ހަރަކާތުގެ ފެންވަރާ މެދު ވެސް ސުވާލެއް ނުއުފައްދަވާ ކަމަށެވެ. ނަމަވެސް އިންޑިއާއިން ރާއްޖޭގައި ސިފައިން ބައިތިއްބަން ބޭނުންވާ ސަބަބުތަކެއް ހުރި ކަމަށާއި އެ ގައުމުގެ ސިފައިން ރުހިގެން ފައިބާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މި ތަނުގައި އިންޑިއާ ސިފައިން ތިބީމަ އެކަން ކަމުނުގޮސްގެން މި ސަރުކާރުން މުއްދަތުތަކެއްދީ، ފައިބަން އަންގައި މި ހުރިހާ ކަމެއް ކޮށްފައި އަދި ރައްޔިތުންނަށް ކަށަވަރުކޮށްދޭން ރައީސުލްޖުމްހޫރިއްޔާ އެ ވާހަކަ އިއުލާން ކުރައްވަމުން ގެންދަވާއިރު އިންޑިއާ ބޭނުންވާނެހޭ އެހާވަރު ދޯސްތީ ޕްރޮގްރާމެއް މިތާ ހިންގަން އެ މީހުން މިތަނުން ފައިބައިގެން ދާންޖެހޭއިރު؟" ޔާމީން އެއްސެވިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން، ހުސައިން ވަހީދު ވިދާޅުވީ އިންޑިއާ ސިފައިން ބޭތިއްބޭނެ ކަމުގެ ކޮންމެވެސް ވަރެއްގެ ޔަގީންކަމެއް އެ ގައުމަށް ނުލިބޭނަމަ އެ ގައުމުން ދޯސްތީ ޕްރޮގްރާމް ނުހިންގާނެ ކަމަށެވެ. އަދި، ސިފައިން ބާލާނެ ކަމަށް ވާހަކަދެކެވިފައި އޮތް ނަމަވެސް އެ ނޫން އެއްބަސްވުމެއް ހަދައިފައިވާ ކަމަށް ގަބޫލުކުރުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ވާހަކައާ ގުޅުވައި ޔާމީން އެއްސެވީ، އިންޑިއާ ސިފައިން ބޭލުމަށް ސަރުކާރުން އެހާ ވަރުގަދަ ގޮތެއްގައި ސާބިތުކަމާ އެކު މަސައްކަތް ނުކުރާނެކަން ދޯސްތީ ޕްރޮގްރާމް ހިންގުމުން ވެސް ކަށަވަރުވޭތޯއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ސަރުކާރަށް އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ އިންޑިއާ ސިފައިން ނުބޭލޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވާ ކަމަށެވެ. އަދި، "ގާނޫނު އަސާސީއަށް ވުރެ ވެސް ބޮޑަށް" އިންޑިއާ ސިފައިން ބޭރުކުރަން ބޭނުންވާ ކަމަށް ސަރުކާރުން ބުނާ ކަމަށް ޔާމީން ވިދާޅުވިއެވެ.

"ދެން މިހެންވެއްޖެ ކަމަށްވަންޏާ އެ ވިދާޅުވަނީ ތިމަންނައެއް ނޫނޭ މީގައި މި ގޯސް ހަދަނީ. އިންޑިއާ ސިފައިން ނުބޭލީ ދިވެހި ރައްޔިތުންނޭ އެއީ ތިމަންނަމެންގެ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލީހުން ޖާގަ ނުދިނިމީއައޭ އެއީއެއް ނޫންތޯ އެ ވިދާޅުވާ [ވާހަކައަކީ]،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެކްސަސައިޒް "ދޯސްތީ"ގެ ތަމްރީނުތައް ސިިލްސިލާގޮތެއްގައި ކުރިއަށްގެންދާތާ 30 އަހަަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މި ހަރަކާތަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު އިންޑިއާ ކޯސްޓްގާޑާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފެށި އެކްސަސައިޒެކެވެ.

މި ފަހަރުގެ ހަރަކާތްތައް ބޭއްވީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާނެ ކަމުގެ ރިޔާސީ ވައުދުފުޅާ އެކު ވެރިކަމަށް ވަޑައިގެންނެވި ރައީސްވަނީ، ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ޖެހިގެން އައި ދުވަހު، އިންޑިއާ ސިފައިން އަނބުރާ ގެންދަން ރަސްމީކޮށް އެ ގައުމުގައި އެދިވަޑައިގެންފައެވެ. އެއަށް ފަހު، މިދިޔަ މަހުގެ 14ގައި ރައީސްވަނީ، މާޗު މަހުގެ 15ގެ ކުރިން އިންޑިއާ ސިފައިން ބާލަން އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފައެވެ.

އެކަމުގެ މަޝްވަރާތައް ދެގައުމުން ކޮށްފައިވާއިރު، ފޮރިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ އިންޑިއާގެ ސިފައިންގެ ތެރެއިން އެއް ބަޔަކު، އަންނަ މަހުގެ 10ވަނަ ދުވަހުގެ ކުރިން ބަދަލުކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި ބާކީ ސިފައިން މޭ މަހުގެ 10ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ގެންދިއުމަށް އެއްބަސްވެވިފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

comment ކޮމެންޓް