އެމްއޭސީއެލްގެ ''ޓޭކް އޮފް 2024'' ފޯރަމް ފަށައިފި

އެމްއޭސީއެލްގެ "ޓޭކް އޮފް 2024"ގެ ފޯރަމް ފެށުން: އެ ފޯރަމްގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އަހަރުގެ މަސައްކަތްތައް އެކުލަވާލުން ހިމެނޭ -- ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން "ޓޭކް އޮފް 2024"ގެ ނަމުގައި ފޯރަމެއް މިއަދު ފަށައިފިއެވެ.

ކްރޮސްރޯޑްސް ގައި ދެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ އެ ފޯރަމްގެ މައިގަނޑު މަގުސަދަކީ އެމްއޭސީއެލްގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތް އެއްމިސްރާބަކަށް ގެންދިއުމާއި މިއަހަރަށް ކަޑައަޅާފައިވާ ލަޑުދަނޑިތައް ހިއްސާކޮށް އެކަންކަން ހާސިލުކުރުމަށް އެކުގައި މަސައްކަތް ކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ފޯރަމްގައި އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުންނާއި، ކުންފުނީގެ ޑިވިޝަން، ޑިޕާޓްމަންޓްތަކުގެ އިތުރުން ސެކްޝަންތަކުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

ފޯރަމް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މެޝަރީފް ވިދާޅުވީ، ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ދާއިރާއަކީ ވަރަށް އަވަހަށް ބަދަލުތައް އަންނަ ދާއިރާއެއްކަމަށާއި، އެމްއޭސީއެލްގެ އިސްވެރިން އެ ބަދަލުތަކަށް އަހުލުވެރިވެ ތިބުމަކީ މުހިއްމުކަމެއްކަމަށެވެ.

"ހަމައެކަނި ކުރުމުއްދަތުގެ ކަންކަމަށް ފޯކަސްކޮށްގެން ކުރިޔަށް ދިޔުމަކީ މުސްތަގުބަލު އަޅުގަނޑުމެން އަތުން ގެއްލިގެން ހިނގައިދާނެ ކަމެއް. އަޅުގަނޑުމެންނަކީ ވަރަށް ޑައިނަމިކް، މާކެޓަށް އަންނަ ބަދަލުތަކަށް ވަގުތުން ރެސްޕޮންސް ދޭން އެނގޭ ބަޔަކަށް ވާންޖެހޭނެ. ވަރަށް ގިނަ ފަހަރު ކުންފުނިތައް ފެއިލްވަނީ ދުރުވިސްނުން ނެތުމުގެ ސަބަބުން،" ޝަރީފް ވިދާޅުވިއެވެ.

"ޓޭކް އޯފް 2024" ފޯރަމަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އަހަރުގެ މަސައްކަތްތައް އެކުލަވާލުމަށް، އެމްއޭސީއެލްއިން ބޭއްވި މިފަދަ ފުރަތަމަ ފޯރަމެވެ. މިފަދަ އިތުރު ފޯރަމެއް އަހަރު ނިންމަންވެސް ބޭއްވުމަށް އެ ކުންފުނިން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް