ދިޕިކާ ބަނޑުބޮޑުތަ؟

ބޮލީވުޑްގެ އެންމެ މަގުބޫލު ދެމަފިރިން ކަމަށްވާ ދީޕިކާ ޕަދުކޯންއާއި ރަންވީރު ސިންގް މައިންބަފައިންނަށް ވާން އުޅޭ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ދީޕިކާއާއި ގާތް ގުޅުމެއް އޮންނަ ފަރާތަކުން މި ޚަބަރު މީޑިއާތަކަށް ކަށަވަރު ކޮށްދިން ނަމަވެސް ދީޕިކާއާއި ރަންވީރުގެ ފަރާތުން މިކަމާ ގުޅޭގޮތުން މިހާތަނަށް ރަސްމީކޮށް ވާހަކަ ދައްކާފައެއް ނުވެއެވެ.

ދީޕިކާއަށް ދަރިއަކު ލިބެން އުޅޭ ކަމުގެ ވާހަކަ އެހާ ގަދަޔަށް ފެތުރިފައިވަނީ ދާދިފަހުން ބައިވެރިވި ބަފްތާ އެވޯޑްގެ ރެޑް ކާޕެޓް ހަފްލާގައި ބަލިވެއިންކަން ފޮރުވުމަށް މީޑިއާތަކަށް އެހާ ބޮޑަށް ސަމާލުކަން ނުދިނުމުންނެވެ. މީގެ އިތުރުން, ދާދިފަހުން ބަތަލާ ވަނީ ފުރުސަތު ލިބުނު އެޗްބީއޯގެ ކާމިޔާބު ޓީވީ ސީރީސް "ވައިޓް ލޮޓަސް"ގެ ތިން ވަނަ ސީޒަންއިން ވެސް ވަކިވާން ނިންމާފައެވެ. އަމިއްލަ ސަބަބުތަކާ ހެދި މި ސީރީސްގެ މަސައްކަތަށް ބަތަލާއަށް ވަގުތު ނުދެވޭނެކަން ދީޕިކާގެ ޓީމާ ގުޅުން ހުރި ފަރާތަކުން މީޑީއާތަކަށް ވަނީ މައުލޫމާތު ދީފައެވެ.

ފިލްމު "ޕަދްމަވާތު"ގެ ތަރި އެކަން ސިއްރުކުރަން އުޅުނު ނަމަވެސް ދީޕިކާ މިހާރު ގުނަމުން ދަނީ މާބަނޑު ދުވަސްވަރުގެ ދެވަނަ ޓްރައިމިސްޓާ ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭ ސިންގަޕޫރުގެ ވޯގް މަޖައްލާއިން ދީޕިކާއާ ކުރި އިންޓަވިއުގައި ވެސް ދަރިޔަކު ހޯދުމާމެދު ދެކޭގޮތާ ބެހޭގޮތުން ވަނީ ސުވާލުކޮށްފައެވެ. ވޯގް މަޖައްލާއަށް ދިން އިންޓަވިއުގައި ދީޕިކާ ބުނެފައިވަނީ އެ ދެމަފިރިންނަކީ ވެސް ކުޑަކުދިން ދެކެ ވަރަށް ލޯބިވާ ދެ މީހުން ކަމަށެވެ. އަދި, އަމިއްލަ އާއިލާއެއް ފެށުމަކީ ދެ މީހުން ވެސް އުއްމީދު ކުރާ ކަމެއް ކަމަށާއި އެ ދުވަހެއްގެ އިންތިޒާރު އަބަދު ވެސް ކުރެވޭ ކަމަށެވެ.

މީގެ ކުރިން ވެސް ބަތަލާ ބަލިވެއިންކަމުގެ ވާހަކަތައް ފެތުރިފައިވާއިރު ދާދިފަހުން ރިލީޒްކުރި ދީޕިކާގެ ފިލްމު "ފައިޓާ"ގެ ޕްރޮމޯޝަން ތަކުން ފެނުނުއިރު ބަތަލާގެ ބަރުދަން ކުރިޔަށްވުރެ އިތުރުވެފައިވާ ކަމަށް ފާހަގަކުރެވުނު ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ދީޕިކާ އާއި ރަންވީރު ކައިވެނިކޮށްފައިވަނީ ހަ އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު 2018 ވަނަ އަހަރު އިޓަލީގައެވެ.

comment ކޮމެންޓް