އަނުޝްކާގެ ދެމަފިރިންނަށް އިތުރު ކުއްޖަކު ލިބިއްޖެ

އަނުޝްކާ އަދި ފިރިމީހާ ވިރާޓް ކޮލީ-- ފޮޓޯ/ސްޕޯޓްސްޓައިގާ

ބޮލީވުޑްގެ ބަތަލާ އަނުޝްކާއާއި ފިރިމީހާ ވިރާޓް ކޮލީއަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ.

އަނުޝްކާއާއި ވިރާޓުގެ ފަރާތުން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އެ އާއިލާއަށް އާ މެންބަރެއް އިތުރުވެފައިވާ ކަމަށާއި އަންހެން ދަރިފުޅު ވަމީކާ ދައްތައަކަށް ވެފައިވާކަމަށެވެ. ދަރިފުޅުގެ ނަމަކީ އަކާއި ކަމަށާއި އާއިލާއަށް މި ވަގުތު ޕްރައިވެސީ ދިނުމަށް އާއްމުންގެ ފަރާތުން އަނުޝްކާ ވަނީ އެދިފައެވެ.

އަނުޝްކާ ދެވަނަ ދަރިފުޅަށް ބަލިވެއިންކަން މީޑީއާތަކުން ހާމަކުރި ނަމަވެސް ވިހެއުމާ ހަމައަށް ވެސް ދެމަފިރިންގެ ފަރާތުން ރަސްމީކޮށް އެކަމާ ގުޅިގެން ވާހަކަ ދައްކާފައެއް ނުވެއެވެ. ވިހެއުމާ ހަމައަށް ވެސް އަނުޝްކާ އުޅުނީ މީޑިއާ ރިޕޯޓަރުންނާ ވަރަށް ދުރުގައެވެ. މީޑިއާތަކުގައި އެ ވަހާކަތައް ވަރަށް ބޮޑަށް ދެކެވުނު ނަމަވެސް ބަތަލާ ބޭރު ތެރެއަށް ނިކުންނަ މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް މަދުކޮށްފައެވެ.

އަނުޝްކާ އާއި ވިރާޓްގެ ކައިވެނީގެ ހަފްލާގެ ފޮޓޯއެއް-- ފޮޓޯ/އިންޓަނެޓް
ހާއްސަކޮށް ތިން އަހަރު ވެފައިވާ ދަރިފުޅު ވަމީކާ ވެސް ގެންގުޅެމުން އަންނަނީ އާއްމުންގެ ތެރެއަށް ނުނެރެއެވެ. ވަމީކާގެ ފޮޓޯތައް ވެސް މީޑީއާގެ އެއްވެސް ފަރާތަކުން ނުނެގުމަށާއި ސޯޝަލް މީޑިއާގައި ދަރިފުޅުގެ ފޮޓޯތައް ދައުރު ނުކުރުމަށް ވެސް އަނުޝްކާ ވަނީ ނޫސްވެރިންނަށް އިލްތިމާސް ކޮށްފައެވެ.

އިންޑިއާގެ ބައެއް ފިލްމީ ޚަބަރުތައް ބުނާގޮތުން އަނުޝްކާ ދެވަނަ ދަރިފުޅު ވިހެއީ އިނގިރޭސިވިލާތުގެ ލަންޑަންގައެވެ. ޝާހްރުކް ޚާންއާ އެކު ފިލްމީ ދާއިރާއަށް ނުކުތް ބަތަލާ އިންޑިއާގެ ޤައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން ވިރާޓް ކޮލީއާ ކައިވެނި ކުރީ 2017 ވަނަ އަހަރުއެވެ.

comment ކޮމެންޓް