ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ހިލޭ ސްކްރީން ކުރެވޭ ކެމްޕޭނެއް ޓްރީޓޮޕްއިން ފަށައިފި

ޓްރީޓޮޕް ހޮސްޕިޓަލް ---

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ހިލޭ ސްކްރީން ކުރެވޭ ކެމްޕޭނެއް ޓްރީޓޮޕްއިން ފަށައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި މިހާރު ފަށާފައިވާ އެ ކެމްޕެއިން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ނިޔަލަށް، ހަފުތާ ބަންދު ފިޔަވައި ކޮންމެ ދުވަހެއްގައި ކުރިއަށްގެންދާނެއެވެ.

އެ ސްކްރީނިން ކުރިއަށްގެންދާނީ ހޮސްޕިޓަލުގެ ތިން ވަނަ ފަންގިފިލާގައި ހުންނަ އަންހެނުންނަށް ޚާއްޞަ ކްލިނިކްގައި، ރޭގަނޑު 20:00 އިން 22:00 އަށް ކަމަށް ޓްރީޓޮޕްއިން ބުންޏެވެ. އަދި އެ ކެމްޕޭން ހިންގާނީ ޓްރީޓޮޕް ހޮސްޕިޓަލްގެ ތަޖުރިބާކާރު ކޮންސަލްޓަންޓް ޑަކްޓަރުންގެ ބެލުމުގެ ދަށުންކަން އެ ހޮސްޕިޓަލުން ފާހަގަކުރިއެވެ.

ޓްރީޓޮޕްއިން ބުނީ އެ ސްކްރީނިން ކެމްޕޭންގެ މަގުސަދަކީ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާ ބެހޭ ގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، އަވަހަށް ބަލި ދެނެގަނެ، ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ކަމަށެވެ.

އެ ސްކްރީނިން ކެމްޕޭނުގެ ދަށުން، ޑޮކްޓަރަށް ދެއްކުމާއި، ސްކްރީނިން ޓެސްޓްތައް ހިލޭ ހެދޭނެއެވެ. ޓެސްޓުގެ ނަތީޖާ ލިބުމުގެ ފަހުން ހޯދާ އިތުރު އެއްވެސް ޚިދުމަތަކަށް ހިނގާ ޚަރަދު އެ ސްކްރީނިންގައި ނުހިމެނޭނެކަން ޓްރީޓޮޕްއިން ފާހަގަކުރިއެވެ.

ސްކްރީން ކުރުމަށް ދިޔުމުގެ ކުރިން ބަލަން ޖެހޭ ބައެއް މުހިންމު ކަންތައްތައް ތެރޭގައި

- ސްކްރީން ކުރެވޭ ފަރާތަކީ ކައިވެނި ކޮށްގެން އުޅޭ ފަރާތެއްކަމުގައިވުން

- ސްކްރީނިން ހަދާއިރު ޕީރިއަޑު ނުވަތަ ޚައިލު ވެފައިނުވުން

- ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި "ޕެޕް ސްމިއާ ސްކްރީނިން" އެއް ހަދާފައި ނުވުން.

މި ސްކްރީނިން ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ ޑަކްޓަރުން:

- ޑރ. އަކަންޝް (އަންހެނުންގެ ޚާއްސަ)

- ޑރ. އަދިތި (އަންހެނުންގެ ޚާއްސަ)

- ޑރ. ސަޖަނާ (އަންހެނުންގެ ޚާއްސަ)

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ޞިއްޙީ ޚިދުމަތްފޯރުކޮށްދޭ ހޮސްޕިޓަލްކަން ފާހަގަކޮށް، އަމާޒަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްފޯރުކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ސްކްރީނިން ކެމްޕޭނަށް ބުކިން ހެދުމަށާއި އިތުރު މައުލޫމާތު ހޯދުމަށް، 3351610 އަށް ގުޅޭނެއެވެ، ނުވަތަ [email protected] އަށް މެއިލް ކުރުމުން ވެސް މައުލޫމާތު ލިބޭނެއެވެ.

comment ކޮމެންޓް