ކުރީ ސަރުކާރުން ރައްޔިތުންނަށް 9 ބިލިއަން ރުފިޔާ ނުދީ އޮތް، މިހާރު އަންނަނީ ދައްކަމުން: ރައީސް

ރައީސް ގދ. ފަރެސްމާތޮޑާގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ކުރީ ސަރުކާރުން ވެރިކަން ނިންމައިލިއިރު ރައްޔިތުންގެ އަމިއްލަ އެކި ކުންފުނިތައް ލައްވައި މަސައްކަތްކުރުވުމަށްފަހު އެކި ބިލުތަކަށް ނުވަ ބިލިއަނަށްވުރެ ގިނަ ރުފިޔާ ނުދީ އެބައޮތްކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ގދ. ފަރެސްމާތޮޑާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ރާއްޖެ އޮތީ 120 ބިލިއަން ރުފިޔާއިން ބޭރުގެ އެކި އިދާރާތަކަށް ދަރަނިވެރިިވެފައި ކަމަށެވެ.

އެއީ ގައުމުގެ އެތެރޭގެ ކުންފުނިތަކުން ދައުލަތުން ފައިސާ ނަގައިފައިވާ މިންވަރު ނުހިމަނައި ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުގެ އެކި ވުޒާރާތަކުންނާއި އެކި ކުންފުނިތަކުން، ރައްޔިތުންގެ އެކިއެކި ކުންފުނިތައް ލައްވައި މަސައްކަތްކޮށް ބިލުކުރުމަށްފަހު ފައިސާ ނުދީ ނުވަ ބިލިއަން ރުފިޔާ އޮތްކަމަށް ވިދާޅުވިއެވެ.

އެއީ ކުރީ ސަރުކާރުގައި އުފެއްދި ދަރަނިކަން ފާހަގަކުރައްވައި، މިއަދު އެ ބޭފުޅުން މަސައްކަތް ކުރަނީ އެ ކަން އޮޅުވައިލަން ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީކީ އަޅުގަނޑުމެން އައިސްގެން އަލަށް ދައްކަންޖެހިފައިވާ ފައިސާއެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު މި ސަރުކާރުން އަންނަނީ އެ ފައިސާ ދެއްކުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

އެ ކަން ކުރަމުން އަންނަނީ ކިތަންމެ ދަތި ނަމަވެސް، އިގްތިޞާދަށް ދަތިނުވާނެހެން ފައިސާ ވެސް ޗާޕުނުކޮށް ކަމަށް ރައީސް ވިދާޅުވިއެވެ. ފައިިސާ ޗާޕުކުރުން ހުއްޓައިލުމަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ފަދަ މާލީ އިދާރާތަކުން ވެސް ތައުރީފުކުރި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ފައިސާ ޗާޕުކުރުން ހުއްޓައިލީ ރައްޔިތުންގެ ހައްގުގައޭ...،" ރައީސް ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އިގްތިޞާދު ހަރުދަނާކުރުމަށް ޓަކައި ރާއްޖެއަށް ފައިސާ ވަންނާނެ މަގުތައްކަމަށްވާ، މައި އެެއާޕޯޓުތައް ތަރައްގީކޮށް ނިންމުމާއި، ޕްރައިވެޓް ސެކްޓަރުގެ، އަމިއްލަ އިންވެސްޓަރުންނަށް ވެސް ވިޔަފާރީގެ ފަހި ފުރުސަތުތައް ފަހިކޮށްދެމުން އަންނަ ކަމަށެވެ.

"މިއީ މުޅި ރާއްޖެއަށް ކުރިމަތިކޮށްފައި، އަޅުގަނޑުމެންނަށް ވާރުތަވި ހާލަތެއް،" ރައީސް ވިދާޅުވިއެވެ.

ފަރެސްމާތޮޑާއަށް އަލިއަޅުއްވައިލައްވައި ރައީސް ވިދާޅުވީ މި ރަށުގެ ބަނދަރު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ. އެ ކަމަށް ޓަކައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކައުންސިލުން އެދުނު ގޮތަށް ސްލިޕްވޭއަކާއެކު ބަނދަރު ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް ރަށުގެ ބިން ހިއްކައި ބިމުގެ ޖާގައިގެ ދަތިކަމަށް ހައްލު ގެނެސްދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވައިފައިވާނީ މި ފަސް އަހަރު ނިމޭއިރުގައި ރާއްޖޭގައި ގެދޮރުގެ ދަތިކަން ދިމާވެފައިވާ އެއްވެސް މީހަކު ނުހުންނާނޭ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރަށަށް ދަތިވެފައި ހުރި ކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް