ވިޔަފާރިވެރިން އިމްޕޯޓްކުރާ މުދަލުގެ ތަފާސްހިސާބު އޮންލައިންކޮށް ބެލޭނެ ގޮތް ހަދައިފި

ކަސްޓަމްސްގެ ޚިދުމަތްތައް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ----- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުސާ ނަދީމް

ކަސްޓަމްސްއިން އޮންލައިންކޮށް ކުރެވޭނެ ހަތަރު ޚިދުމަތެއް ތައާރަފުކޮށްފިއެވެ.

ކަސްޓަމްސްއިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތައާރަފުކުރި ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އޮންލައިން ކޭޝް ޑިކްލެރޭޝަންއާއި އެޑްވާންސް އީ އެޖެންސީ ހުއްދައާއި ވިޔަފާރިވެރިންނަށް ތަފާސްހިސާބު އޮންލައިންކޮށް ބެލޭނެ ގޮތާއި ކުރިއާ ކާގޯ މެނޭޖްމެންޓް ސިސްޓަމެވެ.

ވިޔަފާރިވެރިންނަށް ތަފާސްހިސާބުތައް އޮންލައިންކޮށް ބެލޭނެ ގޮތް ހެދުން

މި ޚިދުމަތާއެކު، ވިޔަފާރިތަކުން އަމިއްލައަށް އިމްޕޯޓުކޮށްފައިވާ މުދަލުގެ ތަފާސްހިސާބު ކަސްޓަމްސްގެ ޕޯޓަލް މެދުވެރިކޮށް ލިބޭނޭ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

އޮންލައިންކޮށް ކޭޝް ޑިކްލެރޭޝަން

މިއީ ކުރިން ކަސްޓަމްސްއިން މެނުއަލްކޮށް ކުރަމުން އައި މަސައްކަތެކެވެ. މި ޚިދުމަތާއެކު، ރާއްޖެއިން ބޭރުގައި ހުރެގެން ވެސް ނުވަތަ އެއާޕޯޓަށް އައުމުގެ ކުރިންވެސް ދަތުރު ކުރާ މީހުންނަށް ފޯމު ފުރުމަށް ފަހު ސަބްމިޓު ކުރުމުން އޮންލައިންކޮށް ޑިކްލެރޭޝަން ބަލައިގަންނާނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މި ޚިދުމަތް އޮންލައިންކޮށް ބަދަލުކުރުމުގެ ސަބަބުން ކަސްޓަމަރުންނަށާއި ދަތުރުވެރިންނަށް ފަސޭހަތަކެއް ލިބޭނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އެގޮތުން ކިއުގައި މަޑުކުރަން ނުޖެހި، ޕީކް ގަޑިތަކުގައި ޑިކްލެރޭޝަނަށް ދިމާވާ ހުރަސްތައް މަދުވާނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްގެ ޚިދުމަތްތައް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ----ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުސާ ނަދީމް

އެޑްވާންސް އީ އެޖެންސީ ހުއްދަ

މި ނިޒާމުގެ ދަށުން ޑިކްލެރޭޝަން ލޮޖް ކުރާ ހިސާބުން ނުވަތަ ޑިކްލެރޭޝަން އެސެސް ކުރާ ހިސާބުން އޮޓަމެޓިކުން އެޖެންސީތަކަށް އެޕްރޫވަލްއަށް ރިކުއެސްޓެއް ދާނެއެވެ. މީގެ ސަބަބުން ތިން ހަތަރު ގަޑިއިރުގެ ޑިލޭއަކުން ސަލާމަތްވެ، އަވަހަށް މުދާ ކްލިއާ ކުރެވޭނެ ކަމަށް ކަސްޓަމްސްއިން ވަނީ މައުލޫމާތު ދީފައެވެ.

ކުރިއާ ކާގޯ މެނޭޖްމަންޓް ސިސްޓަމް

މި ވަގުތު މި މަސައްކަތް މެނުއަލްކޮށް ކުރާތީ ވަރަށް ގިނަ ވަގުތު ހޭދަވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. މި މަސައްކަތް އޮންލައިން ކުރެވުމާއެކު، ޕެކޭޖުގެ ސްޓޭޓަސް ކޮންމެ ތާކު ހުރެގެންވެސް އޮންލައިންކޮށް ބަލައިލެވޭނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މި ރަސްމިއްޔާތުގައި ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވީ އެ އިދާރާއިން ހުރިހާ ކަމެއް ވެސް ކުރަނީ ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް ކަމަށެވެ. އަދި ވިޔަފާރިވެރިންނަށް ލުއި ފަސޭހަގޮތަށް ޓްރޭޑް ފެސިލިޓޭޓް ކޮށްދެވޭތޯ ވެސް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހުރިހާ ކަމެއް ޑިޖިޓަލްކޮށް ކުރުމަށް މަސައްކަތް ކުރާ ކަމަށް ވެސް މާނިއު ވިދާޅުވިއެވެ.

comment ކޮމެންޓް