ފައިނުން ފައިލޭރިއާއަށް ތިން މީހަކު ޕޮސިޓިވް ވެއްޖެ

ރ. ފައިނު: އެ ރަށުން ވަނީ ފައިލޭރިއާގެ ތިން ކޭހެއް ފެނިފައި-- ފޮޓޯ: ގޫގުލް

ރ. ފައިނުން ފައިލޭރިއާއަށް ތިން މީހަކު ޕޮސިޓިވް ވެއްޖެއެވެ.

އެ ރަށު ކައުންސިލުން މިއަދު ނެރުނު ނޯޓިސް އެއްގައި ބުނީ އެ ރަށުގައި އުޅޭ ބިދޭސީން ފައިލޭރިއާއަށް ސްކްރީން ކުރިއިރު، އެ ބައްޔަށް ޕޮސިޓިވް ވެފައިވާ ތިން މީހަކު ފެނިފައިވާ ކަމަށެވެ.

އަދި މިކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެ ރަށު ކައުންސިލާއި ސިއްޚީ މަރުކަޒުން ގުޅިގެން އަޅަމުން އަންނަ ކަމަށް އެ ނޯޓިސްގައި ވެއެވެ.

އިތުރު ތަފުސީލު ހޯދާލުމަށް ކައުންސިލާއި ސިއްހީ މަރުކަޒަށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދޭތީ އިތުރު ތަފުސީލު ވަނީ ލިބޭގޮތް ނުވެފައެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިން ފައިލޭރިއާގެ 25 ކޭހެއް ހދ. ކުޅުދުއްފުށިންވެސް ވަނީ ފެނިފައެވެ. އޭގެ ފަހުން ހުޅުމާލެއިން ވެސް ބިދޭސީންތަކެއް ވަނީ މި ބައްޔަށް ޕޮސިޓިވް ވެފައެވެ. އަދި މި ބައްޔަށް ޓެސްޓް ކުރުމުގެ ބޮޑު ހަރަކާތެއް މިހާރު ވަނީ ފަށައިފައެވެ.

ފައިލޭރިއާ ނުވަތަ ދިވެހިން ކިޔާނަމަ ފައިފަލަ ބައްޔަކީ މީގެ ކުރިން ރާއްޖެއިން ނައްތައިލެވިފައިވާ ބައްޔެކެވެ.

މި ބަލި ފަތުރާ ކިއުލެކްސް މަދިރި އަކީ ޑެންގޫއާއި ޗިކުންގުންޔާ ފަތުރާ މަދިރިއަށް ވުރެ ތަފާތު މަދިރިއެކެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު އެއް ކަަމަކީ މަދިރިން ރައްކާތެރިވުމެވެ.

އެގޮތުން މަދިރި އާލާވާނެ އެންމެހާ ތަންތަން ނައްތައިލުން ހިމެނެއެވެ.

comment ކޮމެންޓް