'ޗަމްކީލާ'ގައި ޕްރިނީތީގެ 15 ލަވަ

ބަތަލާ ޕަރިނީތީ މުހިއްމު ރޯލް ކުޅޭ ފިލްމު "ޗަމްކީލާ"އިން ޕަރިނީތީގެ އަޑުން ކިޔާފައިވާ 15 ލަވަ ބެލުންތެރިންނަށް އަޑުއިވޭނެ ކަމަށް ޕަރިނީތީ ބުނެފިއެވެ.

މިއުޒިކީ ދާއިރާއިން ހާއްސަ ތަމްރީނުތަކެއް ހޯދާފައިވާ ބަތަލާ ލަވަ ކިޔާ އަޑު "ޗަމްކީލާ"ގެ ކޯ-ސްޓާ ދިލްޖީތު ސިންގްއަށް އަޑު އިވުމާ އެކު މި ފިލްމުގައި ޕަރިނީތީގެ ލަވަތައް ހިމަނަން ކޮންމެހެން ވެސް ބޭނުންވީ ކަމަށް ޕަރިނީތީ ވަނީ ބުނެފައެވެ.

ޕަންޖާބަށް ނިސްބަތްވާ މިއުޒީޝަން އަމަރް ސިންގް ޗަމްކީލާގެ ބައޮޕިކް ކަމަށްވާ "ޗަމްކީލާ"ގައި ޕަރިނީތީ ފެންނާނީ އަމަރު ސިންގްގެ އަންހެނުން އަމަރްޖޮތުގެ ރޯލުންނެވެ. ދާދި ފަހުން މިއުޒިކީ ދާއިރާއަށް ރަސްމީކޮށް ނުކުތް ޕަރިނީތީ ވަނީ އެކްޓިންގްއެކޭ އެއްގޮތަށް މިއުޒިކުގެ ދާއިރާއިން ކެރިއާއެއް ބިނާކުރުމަށް ބޭނުންވާކަމަށް ބުނެފައެވެ.

މިދިޔަ އަހަރު ޒަވާޖީ ހަޔާތެއް ފެށި ބަތަލާ ވަނީ ކައިވެންޏަށް ފަހު ފުރަތަމަ ފަހަރަށް ލަވަކިޔުންތެރިއެއްގެ ގޮތުގައި ބޮޑު އޯޑިއަންސެއްގެތެރޭ ސްޓޭޖް ހުށަހެޅުންތައް ވެސް ހުށަހަޅައިދީފައެވެ. ފިލްމު "ޗަމްކީލާ"އިން ޕަރިނީތީއަށް ލިބުނު ފުރުސަތު ގަބޫލުކުރުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ ވެސް ބަތަލާއަށް އެ ފިލްމަށް 15 ލަވަ ކިޔަން ލިބުންކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ބަތަލާ ޕަރިނީތީ ޗޯޕްރާ-- ފޮޓޯ/ އިންޓަނެޓް

ލަވަ ކިޔުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ކޯ ސްޓާ ދިލްޖީތު ވަރަށް ބޮޑަށް ހިތްވަރުދިން ކަމަށާއި އެންމެ ބޮޑު އެއްބާރުލުމެއް އެކަމުގައި ލިބުނީ ފިރިމީހާ ރާގަވްގެ ފަރާތުން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ޕަރިނީތީ އަކީ ފެށުނީއްސުރެ ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރުމަށް ލޯބިކުރާ މީހެއް ކަމަށާއި ދެ ކެރިއަރު ބެލެންސް ކުރުމަކީ ވަރަށް ޝައުގުވެރި ޗެލެންޖެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ. އިމްތިޔާޒު އަލީ ޑައިރެކްޓް ކޮށްފައިވާ ފިލްމު "ޗަމްކީލާ" މި އަހަރުތެރޭ ސިނަމާތަކަށް ގެންނަން ވަނީ ނިންމާފައެވެ.

comment ކޮމެންޓް