އިދިކޮޅު އެމްޑީޕީގައި އެހާ ގިނަ ދުވަހު ހުންނެވުމަށްފަހު، ރިޔާސީ އިންތިޚާބުގައި އެ ޕާޓީއަށް ލިބުނު ނާކާމިޔާބަށް މާ ގިނަ ދުވަހެއްނުވެ ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގަތީ، ދާއިރާގެ މެމްބަރުކަން ގެއްލުނު ނަމަވެސް "ވަރިހަމަ" ކަމަށް ނިންމަވައިގެން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު އައްޑު އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި، މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނާއެކު ހަވީރު އޮތް ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ މެމްބަރުކަން ގެއްލުނަސް ވަރިހަމަ ކަމަށް ނިންމައިގެން ޕާޓީ ބަދަލުކުރެއްވީ އެމްޑީޕީން ގައުމު ހަލަބޮލިކުރުމުގެ ވިސްނުން ގެންގުޅޭތީ ކަމަށެވެ.
"ކީއްވެގެންތޯ ޕީއެންސީއާ ގުޅުނީ. މި ގައުމު ހަލަބޮލިކޮށް މި ގައުމު ބަނގުރޫޓުކުރަން އެމްޑީޕީގެ މިއަދުގެ ލީޑާޝިޕުން ރާވާ ރޭވުމާ [އަޅުގަނޑުމެން ދެކޮޅު ހަދާތީ]،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް މުއިއްޒާއެކު ހުންނެވީ ވަރަށް ސާބިތުކަމާއެކު ކަމަށެވެ. އަދި ރައީސަކީ ކިތަންމެ ބުރަކޮށް އުޅުއްވަމުން ވެސް، ރައްޔިތުންގެ ކަންކަން ގާތުން އޮޅުންފިލުއްވައި، ކުރާ ސުވާލުތަކަށް ޖަވާބު ދެއްވާ ބޭފުޅެއްކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވަނީ އޭނާ ޕީއެންސީއާ ގުޅިލެއްވީ އޭނާގެ ދަރިފުޅުގެ ވަޒީފާ ހިމާޔަތްކުރުމަށް ކަމަށް ބުނެ ފަތުރާ ވާހަކަތަކަށް ވެސް ރައްދު ދެއްވައިފައެވެ.
އެގޮތުން ޝަރީފް ވިދާޅުވީ ބައްޕައެއްގެ ހައިސިއްޔަތުން އޭނާ، އޭނާގެ އާއިލާއަށް ޓަކައި، އާއިލާގެ މަސްލަހަތު ހިމާޔަތްކުރުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ.
އަމިއްލަ އާއިލާގެ މަސްލަހަތު ހިމާޔަތްނުކުރެވޭ މީހަކަށް، ރައްޔިތުންގެ މަސްލަހަތު ވެސް ހިމާޔަތް ނުކުރެވޭނެކަމަށް ވިދާޅުވިއެވެ.
ޝަރީފްވަނީ، އެއްވެސް އިރެއްގައި ވިކިފައި ނޯންނާނެ ކަމަށާއި އަބަދުވެސް ހުރީ ގައުމުގެ މަސްލަހަތު އިސްކޮށްގެންކަމަށާއި، އެއީ ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގެންނެވި ސަބަބުކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
އޭނާ ޕީއެންސީއާ ގުޅިވަޑައިގަތީ މިދިޔަ ޑިސެމްބަރު 28 ގައެވެ.