354.9 މިލިއަން ޑޮލަރު ދައްކަން ޓްރަމްޕްގެ މައްޗަށް ހުކުމްކޮށްފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެ މަނިކުފާނުގެ ވަކީލުންނާއެކު -- ފޮޓޯ/އަލްޖަޒީރާ

ލޯނު ދޫކުރާ ފަރާތްތަކަށް އޮޅުވާލުމަށް މިލްކިއްޔާތުގެ އަގު މަތިކުރިކަމުގެ ކުށުގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް 354.9 މިލިއަން ޑޮލަރު ދެއްކުމަށާއި ނިއު ޔޯކުގެ އެއްވެސް ވިޔަފާރިއެއްގައި ޑައިރެކްޓަރެއް ނުވަތަ އޮފިސަރެއްގެ ހައިސިއްޔަތުން ޓްރަމްޕް މަސައްކަތްކުރުން ތިން އަހަރު ދުވަހަށް މަނާކުރަން ނިއު ޔޯކްގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

ނިއުޔޯކުގެ އެޓާނީ ޖެނެރަލެއް ކަމަށްވާ ލެޓީޝިއާ ޖޭމްސް، ޓްރަމްޕާ ދެކޮޅަށް ހުށަހެޅި އެ މައްސަލައިގައި ބުނާގޮތުން ބޭންކުތަކުން ރަނގަޅު ލޯނު ޝަރުތުތަކެއް ހޯދުމަށް އެތައް އަހަރެއް ވަންދެން ޓްރަމްޕާއި އޭނާގެ އާއިލީ ވިޔަފާރިތަކުން ވަނީ އެ ވިޔަފާރިތަކުގެ މިލްކިއްޔާތުގެ އަގު މަކަރު ހަދައިގެން އެތައް ގުނައެއް މަތިކޮށްފައެވެ.

ބައެއް ހާލަތްތަކުގައި އެ އަގު 3.6 ބިލިއަން ޑޮލަރު މަތިކޮށްފައިވައިވާ ކަމަށް ވެސް އެ މައްސަލައިގައި ބުނެއެވެ.

ނަމަވެސް އެކަމަށް ޓްރަމްޕް ވަނީ އިންކާރުކުރައްވައިފައެވެ. އަދި، ޖޭމްސް އެ މައްސަލަ ކޯޓަށް ވައްދާފައިވަނީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ހުކުމާއެކު އަންނަ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހު ބާއްވާ އެމެރިކާގެ އިންތިޚާބުގައި ވާދަކުރައްވާ ޓްރަމްޕަށް ގޮންޖެހުންތަކާ ކުރިމަތިވެވަޑައިގަންނަވާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް