'ވައިޓް ލޮޓަސް'އިން ދީޕިކާ ނުފެނިދާނެ

އެޗްބީއޯ އެންޓަޓެއިންމަންޓްއިން ދައްކަމުން އަންނަ މަޝްހޫރު ސީރީސް "ދަ ވައިޓް ލޮޓަސް"ގެ ތިންވަނަ ސީޒަންއިން ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯންއަށް ލިބުނު ފުރުސަތު ދޫކޮށްލުން އެކަށީގެންވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ޑާކް ކޮމެޑީ ޑްރާމާ އެންތޮލޮޖީ ޓެލެވިޒަން ސީރީސް އަކީ އެމެރިކަން ފިލްމު އިންސްޓިޓިއުޓްއިން 2021 އަދި 2022ވަނަ އަހަރު ހޮވި އެންމެ މޮޅު ދިހަ ޓީވީ ސީރީސްތެރޭ ހިމެނުނު ސީރީސްއެކެވެ. ހަމަ އެ އަހަރު ޕްރައިމްޓައިމް އެމޯގެ 15 އެވޯޑާއެކު ގޯލްޑެން ގްލޯބްސް ދެ އެވޯޑް މި ސީރީސްއިން ވަނީ ކާމިޔާބު ކޮށްފައެވެ.

މި ޕޮޝް ވެބް ސީރީސްގެ ތިންވަނަ ސީޒަންއިން ބަތަލާ ދީޕިކާއަށް ފުރުސަތު ލިބުނު ނަމަވެސް އަމިއްލަ ސަބަބަތުކަކަށްޓަކައި މި ސީރީސްއިން ދީޕިކާ ވަކިވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ބަތަލާގެ ގާތް މީހަކު ވަނީ މީޑިއާއަށް މައުލޫމާތު ދީފައެވެ. މިއީ ދީޕިކާ ބައިނަލްއަޤްވާމީ ފިލްމަކުން ފެންނާނެކަމުގެ އިންތިޒާރުގައި ތިބި ސަޕޯޓަރުން ވަރަށް މާޔޫސް ކުރުވާނެ ޚަބަރަކަށް ވާނެއެވެ.

ބޮލީވުޑްގެ އިތުރުން ބައިނަލްއަޤުވާމީ ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ބަތަލާ އެންމެ ފުރަތަމަ ހޮލީވުޑްގެ ފިލްމަކުން ފެނިފައި ވަނީ 2017 ވަނަ އަހަރުއެވެ. އެއީ މަޝްހޫރު ހޮލީވުޑް ފިލްމު "XXX" ސީރީސްގެ ތިންވަނަ ފިލްމުންނެވެ. ބޮލީވުޑްގެ އެންމެ އަގުބޮޑު ތަރިންގެ ތެރޭ ހިމެނޭ ބަތަލާ ވެފައިވަނީ ބައިނަލްއަޤުވާމީ ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދަމުން އަންނަ ބަތަލާއެއްގެ ގޮތުގައެވެ.

އެޗްބީއޯގެ ސީރީސް "ދަ ވައިޓް ލޮޓަސް"ގެ ޕޯސްޓަރެއް-- ފޮޓޯ/ އެޗްބީއޯ

އެގޮތުން ޔޫރަޕްގެ މަޝްހޫރު ބްރޭންޑް ލުއިވިޓަންގެ ބްރޭންޑް އެމްބެސެޑަރުކަން ބަތަލާ ހޯދިއިރު ދާދިފަހުން ދީޕިކާ ވަނީ މަޝްހޫރު ހޮސްޕިޓާލިޓީ ކުންފުނި ހިލްޓަން ހޮޓެލްސް އެންޑް ރިސޯޓްސްގެ ބްރޭންޑް އެމެބެސަޑަރުކަމަށް އައްޔަން ކޮށްފައެވެ.

އެކްޓަރު ރަންވީރު ސިންގްގެ އަންހެނުން އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމު "ފައިޓާ"އިންނެވެ.

ދީޕިކާގެ ދެ ފިލްމެއް މި އަހަރު ސިނަމާތަކަށް ގެންނަން ވަނީ ތާވަލު ކުރެވިފައެވެ. އޭގެތެރޭގައ މި އަހަރުގެ މެއި މަހު ރިލީޒްކުރާ ޑައިރެކްޓަރު ނާގް އަޝްވިންގެ ފިލްމު "ކަލްކީ2898" އަދި އޮގަސްޓް މަހު ރިލީޒްކުރާ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު "ސިންގްހަމް އަގެއިން" ހިމެނެއެވެ.

comment ކޮމެންޓް