މި ސަރުކާރުން ފުރަތަމަ 14 ހަފުތާ ތެރޭގައި ފަށަން ނިންމާފައިވާ، އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް ބިނާކުރުމުގެ މަޝްރޫއުގެ ދަށުން މާލޭގައި އެފަދަ ފުރަތަމަ މަރުކަޒު، ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ހުޅުވައިދެއްވައިފިއެވެ.
އެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންނާއި ނައިބު ރައީސްގެ އިތުރުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެ މަރުކަޒު ގާއިމުކޮށްފައިވަނީ، މާލޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ކުރިން ހިންގި އިމާރާތުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާއިޝަތު ވިދާޅުވީ މިއަދު ފުރިހަމަވީ ރައީސްގެ ފުރަތަމަ 14 ހަފުތާގެތެރޭގައި ކުރުމަށް ވައުދު ވެވަޑައިގެންނެވި ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
އަދި މި ވައުދު ފުއްދެވުމާއެކު ހަފުތާ 14ގެ މަގު ޗާޓުގައި، އެ މިނިސްޓްރީގެ އިހުތިސާސްގެ ތެރޭގައި ހިމެނިފައިވާ 10 ވައުދު ފުއްދުނީ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވަނީ މި ނާދީ ބިނާ ކުރަން އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ރައީސަށާއި ޕެންޝަން ފަންޑަށާއި އެ މިނިސްޓްރީގެ ފަރާތުން އެކަން ކުރުމުގައި ހަރަކާތްތެރިވި ޓީމުގެ އިތުރުން، އެ މަސައްކަތުގައި އެހީތެރިވީ އެންމެންނަށް މިނިސްޓަރު ޝުކުރު އަދާ ކުރެއްވިއެވެ.

އިސްރަށްވެހިންގެ ނާދީ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އާއިޝަތު ޝިހާމް ވާހަކަ ދައްކަވަމީ-- ފޮޓޯ: ރައީސް އޮފީސް
"އިސްރަށްވެހިންގެ ނާދީ ބޭނުންތެރި ވެެއްޓަކަށް މި ވަނީ މިތަނުން ފޯރުކޮށްދެވޭ ޚިދުމަތްތަކާއި މިތަނުގައި ހަމަޖެހިފައި ހުންނަ އިންތިޒާމުތަކުގެ ސަބަބުން. އިސްރަށްވެހިންގެ ރުހުމާއެކު ބަލައިގަންނަ އުފާވެރި މަހައްލަކަށް މިތަން ހެދުމަށްޓަކައި އަޅުގަނޑުމެން މި ފެށި ދަތުރުގައި ސަރުކާރުގެ ވަރަށް ގިނަ އިދާރާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ވަރަށް ފޯރިއާއެކު ބައިވެރިވެފައި،" މިނިސްޓަރު ވިދާޅުވިއެވެ.
އެ ނާދީ ވާނީ، އުމުރުން ދުވަސްވުމުގެ ސަބަބުން ކުރިމަތިލާން ޖެހިދާނޭ ނުތަނަވަސް ކަމުން އަރައިގަންނަން އެހީތެރިވެދޭނެ ތަނަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އުއްމީދަކީ ވީހާވެސް ގިނަ އިސްރަށްވެހިން އެ ނާދީ ބޭނުންކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.