އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ދަށުން 1000 އަށް ވުރެ ގިނަ ގެއަށް އެ ވުޒާރާއިން ޒިޔާރަތްކޮށްފިއެވެ.
އެ ވުޒާރާއިން ބުނީ މި ޕްރޮގްރާމްގެ ދަށުން މެއި މަހުގެ 30 ވަނަ ދުވަހުން ފެށިގެން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް 1015 ގެއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
ހިޔާ ޓަވަރުގެ ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބެލިއިރު، އެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ބޭސްފަރުވާ ހޯދުމުގައި ހުރި ދަތިތައް ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އޭގެ ތެރޭގައި ސްޕެޝަލިސްޓު ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހޯދުމުގައި ހުރި ދަތިތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުން ހޮސްޕިޓަލަށް ގެންދިއުމަށް ދިމާވާ ދަތިކަން ވަނީ ފާހަގަކޮށްފައެވެ.
ހަމަމިއާއެކު އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުގެ މައްސަލައާއި، ގިނަ އާއިލާތަކެއް އެއްތަނެއްގައި އުޅެން ޖެހުމުން ދިމާވާ ދަތިތަކާއި، އެކަށީގެންވާ އާމްދަނީއެއް ލިބޭނެ ވަޒީފާތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދުމުގައި ދިމާވާ ދަތިތައް ހިމެނެއެެވެ.
"ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ މިފަދަ މައްސަލަތައް ޙައްލުކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު ގާތުން މަސައްކަތް ކުރަމުން ގެންދާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނެއެވެ.
އަދި މީގެއިތުރުން ދައުލަތުގެ ޚާއްސަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްވެސް މަސައްކަތްކުރަމުން ގެންދާކަމަށް އެ ވުޒާރާއިން ބުންޏެވެ.
އެގޮތުން ވޭތުވެދިޔަ ހަފުތާގައި އެ ވުޒާރާއިން ވަނީ މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ އެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރު ގާއިމްކުރުމަށް ގެންދާ ޕްރޮގްރާމެކެވެ.
މިގޮތުން އެ ވުޒާރާއިން ބުނީ މި ޕްރޮގްރާމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެ މީހުންގެ ހާލު ބެލުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
"ޙާލު ކިހިނެއް؟" ޕްރޮގްރާމް މާލޭ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭ ރަށްތަކުގައި ވެސް ކުރިއަށްގެންދެއެވެ.
މި ޕްރޮގްރާމްގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ އައިޝަތު ޝިހާމް ގޭގެއަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހާލު ބައްލަވައެވެ.