ނަވްލާނީގެ މަރު، ހުޅަނގުގެ ތުހުމަތު ރަޝިޔާއަށް

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސޭ ނަވަލްނީ. ފޮޓޯ/ރޮއިޓާސް

ރަޝިޔާގެ ރައީސް ވުލަމީޑިއާ ޕުޓިންއާ އެންމެ އިދިކޮޅު ލީޑަރު، އެލްކެސޭ ނަވަލްނީ ޖަލުގައި އަވަހާރަވެފައިވާ ކަމަށް ރަޝިޔާގެ ޖަލުތަކާބެހޭ އިދާރާއިން ބުނެފިއެވެ.

ޕޫޓިންގެ ވެރިކަމާ ދެކޮޅަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ، އާންމުގެ މަގުބޫލުކަން ހޯދައިފައިވާ ނަވަލްނީ އަވަހާރަވި ސަބަބެއް ނޭގޭ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ. އެ އިދާރާއިން ބުނީ, ނަވަލްނީ އަވަހާރަވީ ހިނގައިލަން އުޅުއްވި ވަގުތެއްގައި ކުއްލި ގޮތަކަށް ބަލިވެގެން ކަމުގައެވެ. އަދި, ޚަބަރު ހުސްވެގެން ވެއްޓުމުން, އޭނާގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވި އުމުރުން 47 އަހަރުގެ ނަވަލްނީ އަވަހާރަވީ، ރަޝިޔާގެ އިންތިހާބު ބާއްވަން ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެ އިންތިހާބުގައި ޕުޓިންއަށް ކާމިޔާބު ލިބިއްޖެނަމަ، 2030 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުންނަވާނީ ޕުޓިންއެވެ.

ނަވަލްނީ އަވަހާރަވުމާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ހުޅަނގުން ވަނީ އެއީ ޕުޓިންއާއި އޭނާގެ ބައިވެރިން ކުރި ކަމެއް ކަމަށް ތުހުމަތުކުރައްވައިފައެވެ. ބައެއް ފަރާތްތަކުން ދެކިވަޑައިގަންނަވާ ގޮތުގައި ނަވަލްނީގެ މަރުގެ ޒިންމާ ޕުޓިން އުފުއްލަންޖެހިވަޑަގައިގަންނަވާނެއެވެ.

އަނެއްކޮޅުން ނަވަލްނީގެ މަރުގެ ހަބަރު ޕުޓިންއަށް އަރުވާފައިވާ ކަމަށް ކްރެމްލިން އިން ބުނެފައިވާއިރު، އެކަމާ ގުޅިގެން ޕުޓިން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ނަމަވެސް ނަވަލްނީ އަވަހާރަވެފައިވާކަން ކަށަވަރު ނުވާ ކަމަށް އޭނާއަށް ތާއީދުކުރާ މީހުން ބުނެއެވެ. އަދި އޭނާ އަވަހާރަކޮށްލައިފައިވާ ކަމަށް ބެލެވޭ ކަމަށްވެސް އެ މީހުން ބުނެއެވެ. ނަވަލްނީގެ ތަރުޖަމާނު ކީރާ ޔަރްމުޝް ވެސް ވިދާޅުވީ, އޭނާ އަވަހާރަވެފައިވާ ކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށާއި, އެ ކަން ކަށަވަރު ކުރުމަށް ނަވްލްނީގެ ގާނޫނީ ވަކީލު އޭނާ ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ޖަލަށް ވަޑައިގަންނަވާނެ ކަމުގައެވެ.

ނަވްލްނީއަށް 2020 ވަނަ އަހަރު އޯގަސްޓު މަހު ރަޝިޔާގެ ސައިބީރިއާއަށް ކުރެއްވި ދަތުރުފުޅެއްގައި 'ނޮވިޗޮކް' ކިޔާ ޒަހަރެއްގެ އަސަރު ކުރިއެވެ. މިއީ ރަޝިޔާގެ ޖާސޫސީ އިދާރާތަކުން، ކްރެމްލިންއަށް ފާޑުކިޔާ މީސްމީހުންގެ ދުވަސް ދުއްވާލުމަށް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ބޭނުން ކުރަމުންދާ ޒަހަރެކެވެ. އެ ޒަހަރުދީގެން ނަވަލްނީ މަރާލަން އުޅުނުކަމުގެ ތަހުމަތުވެސް ރަޝިޔާއަށް ވަނީ ކޮށްފައެވެ. ނަމަވެސް އެކަން ރަޝިޔާއިން ދޮގުކުރެއެވެ. އެ ހާދިސާއާގުޅިގެން ނަވަލްނީ ވަނީ ޖަރުމަނުވިލާތުން ފަރުވާ ހޯއްދަވައިފައެވެ.

ޕުޓިންއަށް ފާޑުކިޔާ ގިނަ ބަޔަކު ގައުމުން ބޭރުގައި ރައްކާތެރިކަން ހޯދަމުން ގެންދިޔަ ނަމަވެސް ނަވަލްނީ އިހްތިޔާރު ކުރެއްވީ ޖަރުމަނުން ފަރުވާ ހޯއްދެވުމަށް ފަހު 2021 ވަނަ އަހަރު ޖަނަވަރީ މަހު އެނބުރި ރަޝިޔާއަށް ވަޑައިގަތުމަށެވެ. ނަވަލްނީ އެންމެ ފަހުން ހައްޔަރުކުރީ ޖަރުމަނުވިލާތުން ރަޝިޔާއަށް އެބުރި ވަޑައިގަތުމާ ގުޅިގެންނެވެ.

ނަވަލްނީ ހައްޔަރުކުރުމުގެ ކުރިން އޭނާ ވަނީ ސަރުކާރާ ދެކޮޅަށް ވަރުގަދަ ކެމްޕޭނުތަކެއް ހިންގައި ކޮރަޕްޝަންތައް ފަޅާއަރުވާލައިފައެވެ.

ރަޝިޔާ ސަރުކާރުން ގަބޫލު ކުރާ ގޮތުގައި, ނަވަލްނީއަކީ އެމެރިކާގެ ޖާސޫސީ އިދާރާ, ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ)ން ރަޝިޔާގެ ސަރުކާރާ ދެކޮޅަށް ނެރެފައިވާ މީހެކެވެ. އަދި, އޭނާ ރަޝިޔާގެ ސަރުކާރާ ދެކޮޅަށް ތެދު ކުރުމުގެ ބޭނުމަކީ, ސަރުކާރަށް އާންމު ރައްޔިތުންގެ މެދުގައި އޮތް ތާއީދާއި އިތުބާރު ގެއްލުވައިލުން ކަމުގައި ރަޝިޔާ ސަރުކާރުން ތުހުމަތު ކުރެއެވެ.

comment ކޮމެންޓް