އެކުވެރި ގައުމުތައް ދޫކޮށްލުމަށް ފަހު އަމިއްލަ ގައުމަށް ގެންނަ ތަރައްގީ ފުރިހަމައެއް ނުވާނެ ކަމަށާއި، ތަރައްގީ ގެންނަން ޖެހޭނީ އެގައުމަކަށް އިހުތިރާމު ކުރާ އަވަށްޓެރި އަދި އެކުވެރި ގައުމުތަކަށް ވެސް ކުރިއެރުން ލިބޭ ގޮތަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި އޮތް ވޯލްޑް ގަވަމެންޓްސް ސަމިޓުގައި ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން ޚިދުމަތް ކުރާނީ ގައުމުގެ ރައްޔިތުންނަށް ކަމަށާއި އެކަމަށްޓަކައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން، ރާއްޖެއިން އެހެން ގައުމުތަކުގެ ތަޖުރިބާއިން ދަސްކޮށް، މިގައުމުގެ ތަޖުރިބާ ވެސް ހިއްސާކުރަން ތައްޔާރަށް އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމަ، ދަތިއުނދަގުލާއި ޚިޔާލުތަފާތުވުންތަކުން އަރައިގަނެވޭ ފަދަ ގުޅުމެއް މިއަދު އަޅުގަނޑުމެން ގާއިމުކުރަމާ، އެއީ އެގައުމަކުން އިސްކަންދޭ ކަންތައްތައް ބަލައިގަނެ، އެއް ގައުމުން އަނެއް ގައުމުގެ ކާމިޔާބީ ފާހަގަކުރާ ޕާޓްނާޝިޕަކަށް ހަދަމާ،" ރައީސް ގޮވައިލެއްވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖެ ތަރައްގީވަމުން އަންނައިރު، ތަރައްގީގެ މަގުގައި ފާހަގަކޮށްލެވޭ، ޔޫއޭއީ ފަދަ ގައުމުތަކުގެ މިސާލަށް މިގައުމުން ބަލައި ކަމަށެވެ. އަދި ރާއްޖެއިން ހުރިހާ ގައުމަކާ ވެސް ބާއްވާ ގުޅުމުގެ ބިންގަލަކީ އިހުތިރާމާއި ދެ ފަރާތަށް ފައިދާވާ ފަދަ ގޮތްތައް ހޯދުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެފަދަ ގުޅުންތައް ދެމެހެއްޓުމުގައި އިސްކަން ދެނީ ރައްޔިތުންގެ ބޭނުންތަކަށް އިޖާބަދީ، އިގުތިސާދީ އަދި ސިޔާސީ ވިލުންވެރިކަން ގާއިމުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖެއަށް އެ މަނިކުފާނު ކަނޑައަޅުއްވާފައިވާ ތަސައްވުރަށް އެމަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން ރާއްޖެއަކީ މުސްތަގުބަލަށް ވިސްނާ، އީޖާދީ، ލާމެހިފައިވާ އަދި ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތް ކުރާ ގައުމަކަށް ހަދަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު އެދެނީ، ކޮންމެ ދިވެހި ރައްޔިތަކުވެސް، ޚާއްޞަކޮށް، އަޅުގަނޑުމެންގެ އަންހެނުންނާއި ޒުވާނުން، އެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުން، އަދި އެބޭފުޅުންގެ އުފެއްދުންތެރިކަމާއި، ވިޔަފާރިވެރިކަމާއި، އީޖާދީ ވިސްނުން ހަގީގަތަކަށް ހެދުމަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އޮތްކަން ގަބޫލުކުރުން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނަށް ދުބާއީ ކުރައްވަމުން ދަތުރުފުޅުގައި، ރާއްޖޭން ދުބާއީގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި ވެސް ވާހަކަދައްކަވާނެއެވެ.