20 އިމާމުންނާއި ޚަތީބުން އިތުރަށް ތަމްރީނު ކުރުމަށް މިމަހު މައްކާއަށް ފޮނުވަނީ

އިމާމުން ތާޒާ ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިމާމުންނާއި ޚަތީބުންނަށް އިތުރު ތަމްރީނު ދިނުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުގެ ތެރެއިން ފުރަތަމަ ބުރުގައި، 20 އިމާމުންނާއި ޚަތީބުން އަންނަ ހުކުރު ދުވަހު މައްކާއަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ އެ މީހުންގެ ތަމްރީނު ޕްރޮގްރާމެއް މައްކާގައި ކުރިއަށް ގެންދާނެ ކަމަށާއި މި އަހަރު ސައުދީ އަރަބިއާއަށް އިތުރު އިމާމުންނާއި ޚަތީބުން ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އަންނަ ޝައްވާލު މަހުގެ ތެރޭގައި، ޕްރޮގްރާމުގެ ދެވަނަ ބުރުގައި މައްކާއަށް އިމާމުން ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިމާމުން ތާޒާ ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އެ ބުރުގައި ފުރަތަމަ ބުރަށް ވުރެ ގިނަ އިމާމުންނާއި ޚަތީބުން ބައިވެރިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސައުދީއާ ގުޅިގެން އިމާމުންނަށް ހިންގާ އެފަދަ ޕްރޮގްރާމުތަކުގެ ތެރެއިން އިމާމުންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން މި އަހަރުގެ ތެރޭގައި ސައުދީ އަރަބިއާގެ އިތުރުން މެލޭޝިއާއަށާއި ބުރޫނާއިއަށާއި މިސްރާއި އިންޑޮނޭޝިއާއަށް ވެސް އިމާމުން ފޮނުވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިރާދަކުރެވިއްޔާ ރަމަޟާން މަހުގެ ފަހުން އެ ދަތުރުތައް އެކި ބުރުތަކަށް ބަހައިގެން އިމާމުންނަށް އަޅުގަނޑުމެން ފަހިކޮށްދޭނަން،" ޝަހީމް ވިދާޅުވިއެވެ.

އިމާމުންނާއި ޚަތީބުން ތާޒާކުރުމަށް ޕްރޮގްރާމެއް ފަށާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ގއ. ގެމަނަފުށީގައި 77 އިމާމުންނާއެކު އެ ޕްރޮގްރާމު ކުރިއަށްދާ ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ޕްރޮގްރާމް ކުރިއަށްދާނެ ކަމަށާއި އަމާޒަކީ މި އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ އިމާމުންނަކީ މި ޕްރޮގްރާމު ނިންމާފައިވާ ބަޔަކަށް ހެދުން ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

އިމާމުން ތާޒާ ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

"އަދި ގިނަ އަދަދެއްގެ އިމާމުންނަކީ ބޭރުގެ އެކިއެކި ގައުމުތަކުގެ އިމާމުކަން ކުރަމުންދާ ގޮތް ތަޖުރިބާ ކުރެވި އެކިއެކި ތަމްރީނު ލިބިފައިވާ ބަޔަކަށް ވުން،" މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަންނަ މަހުގެ ތެރޭގައި އިމާމުންނަށް މަތީ ތައުލީމްގެ ފުރުސަތުތަކަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އިމާމުންނާއި ޚަތީބުންނަށް ގިނަ ފުރުސަތުތައް ފަހިކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ބާރު އަޅާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް