އުނގޫފާރުގައި ހިއްކަން މިހާރު އޮތް ވަރަށް ވުރެ އިތުރަށް ތިން ހެކްޓަރު ހިއްކާނެ: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު: މިހާރު ރ. އުގޫފާރުގައި ބިން ހިއްކަން އޮތް ވަރަށް ވުރެ އިތުރަށް ތިން ހެކްޓަރު ބިން ހިއްކާނެ ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

މިހާރު ރ. އުގޫފާރުގައި ބިން ހިއްކަން އޮތް ވަރަށް ވުރެ އިތުރަށް ތިން ހެކްޓަރު ބިން ހިއްކާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އާންމުންނަށް ރައީސް މުއިއްޒާ ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ޕްރޮގްރާމްގައި ރ. އުނގޫފާރު، ދުލިހުރާގޭ، އަޙްމަދު ޝިޔާމް ވަނީ، އެ ރަށު ބިންހިއްކުމުގެ ކަންކަމުގައި އެ ރަށު ރައްޔިތުންގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ރިޔާސީ ކެމްޕޭނުގައި އުނގޫފާރުގައި ވައުދުވެފައި އެބަ އޮތޭ، ހިއްކެން އޮތް އެންމެ ބޮޑު މިނަކަށް ހިއްކާ ދޭނަމޭ. އެކަމަކު ކުރީގައި ވެސް ހަމަ ޖެހިފައި އިން ވަރަށް ހިއްކަން ހަމަޖެހިފައި އިނީ މިހާރު ވެސް، އެހެންވެ އެކަމާ އަޅުގަނޑުމެން ވަރަށް ކަންތައް ބޮޑުވޭ،" ޝިޔާމް ބުންޏެވެ.

މި ކަންބޮޑުވުމަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުދުތައް، ވައުދުވެވަޑައިގަތް ގޮތަކަށް ފުއްދަވާނެ ކަމަށެވެ.

އެގޮތުން ހިއްކެން އޮތް އެންމެ ބޮޑަކަށް އެ ރަށުގެ ބިން ހިއްކައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފައެވެ.

"އަޅުގަނޑު ވައުދު ވިން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކަދޭނެ ކަމަށް. މިހާރު ސްކޯޕްގައި އޮތް ވަރަށް އަދި އިތުރު ތިން ހެކްޓަރު އިތުރު ކޮށްގެން ހިއްކީމާ ޝިޔާމް ފާހަގަ ކުރެއްވި ގޮތަށް ރަށު ރައްޔިތުން ކަންބޮޑުވާ މައްސަލައިގައި ތިން ހެކްޓަރު އިތުރު ވީމާ، ފަޅު ތެރެއިން ހިއްކެން އޮތް އެންމެ ބޮޑަކަށް އެބަ ހިއްކޭ،" ރައީސް ވިދާޅުވިއެވެ.

އުނގޫފާރުގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ކުރީކޮޅެވެ.

އޭރު ހަވާލުކުރީ، 33.9 ހެކްޓަރުގެ އުނގޫފާރަށް 10 ހެކްޓަރުގެ ބިން އިތުރުކުރުމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 1150 މީޓަރުގެ ރިވެޓްމަންޓަކާއި 75 މީޓަރުގެ ގްރޮއިން ޖެހުމަށެވެ.

comment ކޮމެންޓް