ފައިލޭރިއާއަށް ޓެސްޓުކުރުމުގެ ކެމްޕޭން ހުކުރު ދުވަހު ފަށަނީ

ފައިލޭރިއާ ބަލި ޖެހިފައިވާ މީހެއް --

ފައިލޭރިއާ ނުވަތަ ދިވެހިން ކިޔާ ގޮތުން ނަމަ ފައިފަލަ ބައްޔަށް ޓެސްޓުކުރުމުގެ ހަރަކާތް މި މަހު 16ވާ ހުކުރު ދުވަހު މުޅި ރާއްޖޭގައި ފަށަން ތައްޔާރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.

ފައިލޭރިއާއަށް މީހުން ޓެސްޓުކުރުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާ އެކަން އެޗްޕީއޭއިން އިއުލާނު ކުރީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. އޭރު ހެލްތް މިނިސްޓްރީން ބުނީ މި މަހުގެ ދެވަނަ ހަފުތާއަށް އެ ޕްރޮގްރާމް ލަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އެކަމަކު، އެ ޕްރޮގްރާމް ނުފެށި ވަނީ ދިގުލައިގެން ގޮސްފައެވެ.

އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ފައިލޭރިއާއަށް ޓެސްޓުކުރުމުގެ ޕްރޮގްރާމް މުޅި ރާއްޖޭގައި އަންނަ ހުކުރު ދުވަހު ފަށަން ހަމަޖެހިފައިވާ ކަމަށެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދާނީ އެޗްޕީއޭއާއި ދިވެހި ރެޑް ކްރެސެންޓު، ހޮސްޕިޓަލްތައް، ހެލްތު ސެންޓަރުތައް އަދި ހުރިހާ ކައުންސިލްތަކުން ގުޅިގެންނެވެ.

މި ޕްރޮގްރާމް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި ބައެއް ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ބައެއް ރަށްރަށުގައި ވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެގޮތުން، ކޮންމެ ރަށަކުން ވެސް ހޮވައިލެވޭ 18 އަހަރުން މަތީގެ ދިވެހީންނާއި ބިދޭސީން ޓެސްޓު ކުރާނެއެވެ.

މި ޓެސްޓުތައް ކުރިއަށް ގެންދާނީ ލޭ ނަގައިގެން އެންޓިޖަން ކިޓް ބޭނުންކޮށްގެންނެވެ. އަދި، ޓެސްޓުގެ ނަތީޖާ 15-10 މިނެޓު ތެރޭގައި ލިބޭނެ ކަމަށް އެ އެޖެންސީން ބުންޏެވެ.

"ޓެސްޓު ހެދުމަށް ފަހު ޕޮސިޓިވްވާ ފަރާތްތަކަށް ފައިލޭރިއާގެ ފަރުވާގެ ގޮތުގައި ބޭނުންކުރާ ބޭސް ސިއްހީ ޚިދުމަތްތެރިއެއްގެ ބެލުމުގެ ދަށުން ދެވޭނެއެވެ. މި ބޭސް ކާންޖެހޭނީ އެއް ފަހަރުއެވެ،" އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.

"މި ބޭސް ކެއުމާ އެކު އެ މީހުންގެ ބައްޔަށް ފަރުވާ ކުރެވުމާ އެކު، އެ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ވެސް ހުއްޓުވޭނެއެވެ،"

މި ސްކްރީނިން ޕްރޮގްރާމްގެ ތެރެއިން ހޮވައިލެވޭ ގޭގެއަށް އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 9:00 އާ ދެމެދުގެ ވަގުތެއްގައި ޒިޔާރަތްކުރާނެއެވެ. އަދި، ބިދޭސީންގެ ތެރެއިން ވެސް ހޮވައިލެވޭ މީހުން ސްކްރީން ކުރުމަށް ވަޒީފާދޭ ފަރާތްތަކާ އެކު މުއާމަލާތްކުރާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މި ޕްރޮގްރާމަށް ޕްރީޓެސްޓު ކުރުމުގެ މަސައްކަތް މާދަމާ ހުޅުމާލޭގެ ހޮވައިލެވޭ ސަރަހައްދުތަކެއްގައި ކުރިއަށް ގެންދަން ވެސް ވަނީ ނިންމައިފައެވެ. މި ޕްރޮގްރާމަށް އެއްބާރުލުން ދެއްވުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.

މިވަގުތު ރާއްޖޭގައި ބަލި ޖެހިފައި ތިބި 32 މީހުންނަކީ ވެސް ބިދޭސީ މަސައްކަތްތެރިންނެވެ.

ރާއްޖެއިން ކުރިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިއާގެ ކޭސްތައް ފުރަތަމަ ފެނުނީ މިދިޔަ މަހުގެ 14ގައި ކުޅުދުއްފުށި ސިޓީންނެވެ. އެއީ އެ ސިޓީގައި ކުރިއަށްގެންދިޔަ މައިގްރެންޓް ހެލްތު ސްކްރީނިން ޕްރޮގްރާމެއްގެ ތެރެއިންނެވެ. އޭގެ ފަހުން މާލެ ސަރަހައްދުން ވެސް ބިދޭސީންތަކެއް ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ޕޮޒިޓިވްވި މީހުން ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ 'އެންޑެމިކް' ގައުމުތަކުންކަން ފާހަގަ ކުރެވިފައިވާ ކަމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް