ހުޅުމާލޭގައި ބުޅާ ފެސިލިޓީ އަޅާ ބިން ކައުންސިލާ ހަވާލުކޮށްފި

ހުޅުމާލޭގައި ބުޅާ ފެސިލިޓީ އަޅާ ބިން ކައުންސިލާ ހަވާލުކުރުން -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލާއި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ގުޅިގެން ހުޅުމާލޭގައި ގާއިމްކުރާ ވަގުތީ ކެޓް ޝެލްޓަރަށް ބޭނުންވާ ބިން މިއަދު ކައުންސިލާ ހަވާލުކޮށްފިއެވެ.

ބިން ކައުންސިލާ ހަވާލުކުރީ އެނިމަލް އެންޑް ވެލަފެއާ މިނިސްޓްރީންނެވެ.

ހުޅުމާލޭގައި ކެޓް ޝެލްޓަރު ގާއިމުކުރަނީ 5000 އަކަފޫޓުގެ ބިމެއްގައެވެ. މި ތަނުގައި ކެޓް ޝެލްޓަރު ގާއިމު ކުރެވުމުން މާލޭގައި އުޅޭ ބުޅާތައް ގެންގޮސް އެ ތަކެއްޗަށް ފަރުވާ ދެވޭނެ އިންތިޒާމު ގާއިމުކުރާނެއެވެ.

މީގެ ކުރިން މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް ވިދާޅުވީ، ދުރު ރާސްތާއަށް ޕްލޭންކޮށްފައި ވަނީ އެ ތަނުގައި ޕެޓް ކެއާ ފެސިލިޓީއެއް ގާއިމުކުރުމަށް ކަމަށެވެ.

"ގާތްގަނޑަކަށް އެއް އަހަރާއި 18 މަސްދުވަސްތެރޭ އެކަން ވެސް ނިމިގެން ދާނެ. ނިމޭއިރު އެ ތަނުގައި ކެޓް ކެފޭތައް ނޫނީ ކެޓް ހޮޓާ، ކްލިނިކް ހުންނާނެ. ދެން ސްޓޯލްތައް ހުންނާނެ،" މިއީ ތަފާތު ކޮންސެޕްޓަކަށް ތައްޔާރުކުރާ ފެސިލިޓީއެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވަގުތީ ކެޓް ޝެލްޓަރުން ވެސް މާލެއަށް މި ވުގުތު ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ލިބޭނެ ފެންވަރު ހުންނާނެކަމަށެވެ.

ވަގުތީ ކެޓް ޝެލްޓަރު އަޅަން މިނިސްޓްރީއާއި ކައުންސިލުން ސޮއި ކުރީ މިދިޔަ މަހުގެ 25ވަނަ ދުވަހުއެވެ.

ހުރިހާ ވަގުތަކު ވެސް ސިއްހީ ޚިދުމަތް ލިބޭނެހެން ހުޅުމާލެ ދެވަނަ ފިޔަވައްސާ ގުޅިފައި އޮތް ފަރުކޮޅުފުށީގައި ޕެޓް ކެއާ ފެސިލިޓީއެއް ގާއިމު ކުރަން ނިންމާ މިދިޔަ މަހުގެ 11ވަނަ ދުވަހު ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

comment ކޮމެންޓް