ފަލަސްތީންގެ މިނިވަން ދައުލަތެއް ގާއިމުނުކުރަނީސް އިސްރާއީލާ ގުޅުން ބަދަހިނުކުރާނަން: ސައުދީ އަރަބިއާ

ސައުދީ ވަލީއަހުދާއި އެމެރިކާގެ ރައީސް ޖޯ ބައިޑެން: ސައުދީ އާއި އިސްރާއީލާ ދެމެދު ގުޅުން ގާއިމުކުރުވަން އެމެރިކާއިން މަސައްކަތް ކުރި ނަމަވެސް، ގުޅުން ގާއިމުކުރާނީ ފަލަސްތީން މިނިވަން ދައުލަތަކަށް ހެދުމުން ކަމަށް ސައުދީން ވަނީ ބުނެފައި -- ފޮޓޯ/ ގެޓީ

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުނުކުރަނީސް، އިސްރާއީލާ ސިޔާސީ ގުޅުން ގާއިމުނުކުރާނެ ކަމަށް ސައުދީ އަރަބިއާއިން ބުނެފިއެވެ.

ސައުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ، ފަލަސްތީން ދައުލަތް ގާއިމުކުރަން ޖެހޭނީ، 1967ގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ގުދުސަކީ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި ކަމަށެވެ. އަދި އެގޮތަށް ފަލަސްތީން ދައުލަތް ބަލައިގަތުމަށް ސައުދީން، އދ.ގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ ދާއިމީ މެންބަރު ގައުމުތަކަށް ގޮވާލިއެވެ.

މީގެ އިތުރުން އެ ބަޔާނުގައިވަނީ، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަށާއި އިސްރާއީލް ސިފައިން ޣައްޒާއިން ފައިބަން ޖެހޭ ކަމަށް ބުނެފައެވެ.

ސައުދީން އެ ބަޔާން ނެރެފައިވަނީ އެގައުމާއި އިސްރާއީލާ ދެމެދު ގުޅުން ގާއިމުކުރަން މަސައްކަތްކުރާ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން މި ހަފުތާގައި އަރަބި ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި، ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރެއްވި ފަހުންނެވެ.

އެ ބައްދަލުކުރެއްވުމަށް ފަހު އެމެރިކާއިން ވަނީ، ސައުދީން އިސްރާއީލާ ގުޅުން ގާއިމުކުރަން ޝައުގުވެރިވާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން، އެމެރިކާއާއެކު ދިފާއީ އެއްބަސްވުމެއް ހެދުމަށް ޓަކައި ސައުދީން އިސްރާއީލާ ގުޅުން ބަދަހިކުރަން އެއްބަސްވާން އުޅޭ ކަމުގެ ޚަބަރުތަކެއް ވެސް މި ހަފުތާގައި ފެތުރުނެވެ.

ނަމަވެސް ސައުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނާއެކު އެ ވާހަކަތައް ވަނީ ދޮގުކޮށްފައެވެ.

އިސްރާއީލާ އެއްކޮށް، ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް އެމެރިކާއިން ތާއިދުކޮށްފައިވީ ނަމަވެސް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެފަދަ ހައްލަކާ ދެކޮޅެވެ.

ފަލަސްތީން މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމާ ދެކޮޅު ހަދައި، ފަލަސްތީނުގެ ސަރަހައްދުތަކުގެ ކޮންޓްރޯލް އިސްރާއީލަށް އޮންނަން ޖެހޭ ކަމަށް އެ ސަރުކާރުން ވަނީ ތަކުރާރުކޮށް ބުނެފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާ އާއި އިރުމަތީ ގުދުސް ހިފީ 1967 ވަނަ އަހަރު އިސްރާއީލާއި އަރަބި ގައުމުތަކާ މެދު ކުރި ހަ ދުވަހުގެ ހަނގުރާމައަށް ފަހުއެވެ.

ޣައްޒާގައި ވެރިކަން ކުރާ ހަމާސްއިން އިސްރާއީލަށް މިދިޔަ އޮކްޓޯބަރު މަހުގެ ހަތެއްގައި ދިން ހަމަލާތަކަކާ ގުޅިގެން އިސްރާއީލުން ދަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެ ހަމަލާތަކުގައި މިހާތަނަށް 27,585 މީހަކު ޝަހީދުކޮށްފައިވާއިރު އޭގެ ތެރޭގައި 11,500 ކުޑަކުދިން ހިމެނެއެވެ.

comment ކޮމެންޓް