ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ރިޔާސީ ގަނޑުވަރު މުލީއާގެއަށް ބަދަލުވެވަޑައިގެންފިއެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމުގެ ހުވައި ކުރެއްވުމަށް ފަހު ވެސް ރައީސްގެ ދެކަނބަލުން ދިރިއުޅުއްވަމުން ގެންދެވީ އެ މަނިކުފާނުގެ އަމިއްލަ ގެކޮޅު މ. ދިމްޔާތުގައެވެ. އޭރު މުލީއާގެއަށް ވަޑައިނުގަތީ އެ ގެ މަރާމާތު ކުރުމަށްފަހު ބަދަލުވެވަޑައިގަތުމަށް ނިންމާފައިވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި މިހާރު ތ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ކުރިން ރައީސްގެ ދެކަނބަލުން ވަނީ މުލީއާގެއަށް ބަދަލުވެވަޑައިގެންފައެވެ.
މުލީއާގެ ބިނާކޮށްފައިވަނީ އައްސުލްޠާން މުހައްމަދު ޝަމްސުއްދީންގެ ވެރިކަމުގައެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެސް ވަގުތީ ގޮތުން މުލީއާގޭގައި ދިރިއުޅުއްވިއެވެ. އެއީ، 1994 ވަނަ އަހަރު ތީމުގޭ މިހާރު ހުރިގޮތަށް އިމާރާތްކޮށް ނިމެންދެނެވެ.
އެއަށް ފަހު 2008 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނު 2012 ވަނަ އަހަރު އިސްތިއުފާ ދެއްވުމާ ހަމައަށް އުޅުއްވާފައި ވަނީ މުލީއާގޭގައެވެ.
އޭގެ ފަހުން، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެ މަނިކުފާނު މުލީއާގެ ބޭނުންކުރައްވާފައި ވަނީ އެ މަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅު ކުރެއްވުމަށެވެ. މުލީއާގެއަށް ދިރިއުޅުން ބަދަލުކުރެއްވުމުގެ ބަދަލުގައި ދިރިއުޅުއްވީ އެ މަނިކުފާނުގެ އަމިއްލަފުޅު ގެކޮޅުގައެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެސް ދިރިއުޅުއްވީ މުލީއާގޭގައެވެ.