މިދިޔަ އަހަރު އެކަނި 4،483 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
މަގުމަތީ އެކްސިޑެންޓުތައް އާންމުވެ، ކޮންމެ އަހަރަކު ވެސް އެތައް ބައެއްގެ ފުރާނަ އެފަދަ އެކްސިޑެންޓުތަކުގައި ގެއްލެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ސަން'އިން ހޯދަން އެދުނު މައުލޫމާތު ހިއްސާކުރަމުން ފުލުހުން ދިން ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ 2023 ވަނަ އަހަރު އެކަނި ވެސް 4،483 އެކްސިޑެންޓު ވަނީ ހިންގައިފައެވެ. އެއީ، ފުލުހުންނަށް ރިޕޯޓުކޮށް، އެ މުއައްސަސާގެ ލިޔެކިޔުންތަކުން ފެންނަން ހުރި އަދަދެވެ.
އަދި، 1،842 މާރާމާރީއެއް ހިނގައިގެން ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މި ފަހުން ވެސް ވަނީ ޒުވާނެއްގެ ފުރާނަ ގެއްލިފައެވެ.
"ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހުޅުމާލޭ ފޭސް އެކެއްގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ޝުޖާއު މީގެ ކުރިން ވިދާޅުވީ، ހުޅުމާލޭގައި އެންމެ އެކްސިޑެންޓު ގިނައީ ހަވީރު އޮފީސްތައް ނިމޭ ވަގުތުގައި ކަމަށެވެ.
އެ ދުވަހު އޭނާ ވިދާޅުވީ، ހުޅުމާލޭގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ދޭއް ނުވަތަ ތިން އެކްސިޑެންޓު ހިނގައި ކަމަށެވެ.
އޭގެ ފަހުން، ފުލުހުންގެ އާ ކޮމިޝަނަރު އަލީ ޝުޖާއު 'ސަން'އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ، މިހާރު ވިސްނައިލުން އެންމެ މުހިންމީ ޑްރައިވިން ލައިސަންސް ދޫކުރަނީ އެންމެ ރަނގަޅު ނިޒާމުގެ ތެރެއިންތޯ ކަމަށެވެ.
އެއީ، ހިނގައިފައި ހުރި އެކްސިޑެންޓުތަކަށް ބަލައިއިރު ފާހަގަކުރެވޭ އެއް ކަމަކީ އެކްސިޑެންޓުތައް ހިނގަނީ އެންމެ ރަނގަޅަށް ދުއްވަން ނޭނގޭ މީހުންގެ ފަރާތުން ކަމަށް ޝުޖާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކުރިއަށްހުރި ދުވަސްތަކުގައި ތަހުގީގުތައް އިތުރަށް ހަރުދަނާކޮށް، މަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ވެސް ގެންނަވާނެ ކަމަށެވެ.
ފުލުހުން އެންމެ ފަހުން އާންމުކުރި ހިސާބުތައް ދައްކާގޮތުން ނިމިދިޔަ އަަހަރުގެ ތިންވަނަ ކުއާޓަރުގައި ދެވަނައަށް އެންމެ ގިނައިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކެވެ. ތިންވަނަ ކުއާޓަރުގައި އެކަނި ވެސް 1116 އެކްސިޑެންޓު ރިޕޯޓުކުރިއެވެ.
އޭގެ ތެރެއިން 606 އެކްސިޑެންޓެއްގެ މައްސަލަ ލޮޖުކޮށް ބަލައިފައިވެއެވެ. އޭގެ ތެރެއިން 549 މައްސަލަ ބަލައި ނިންމިއިރު ދައުވާކުރަން ފޮނުވީ އެންމެ މައްސަލައެއްގައެވެ.